9 ބާވަތެއްގެ ޕްލާސްޓިކް އަންނަ އަހަރު ރާއްޖެ އެތެރެކުރުން މަނާކޮށްފި

1 ޖެނުއަރީ 2021 - 3:30

ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ 12 ބާވަތެއް ރާއްޖެ އެތެރެކުރުން މަނާކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވައިފިއެވެ. މި 12 ބާވަތުގެ ތެރޭގައި އަންނަ އަހަރުގެ ތެރޭގައި 9 ބާވަތެއް ރާއްޖެއަށް އިމްޕޯޓްކުރުން މަނާވާނެއެވެ.
ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ ތަކެތި ރާއްޖެ އެތެރެކުރުން މަނާކޮށްފައި މިވަނީ، އެއް ފަހަރު ބޭނުންކޮށްފައި އުކައިލެވޭ ޒާތުގެ ޕްލާސްޓިކް ރާއްޖެއަށް އެތެރެކުރުން މަނާކުރުގެ ޤާނޫނުގެ ދަށުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި ނެރުއްވާފައިވާ ޤަރާރުގައި ވަނީ ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރުކޮށްފައިވާ 12 ބާވަތުގެ ތަކެއްޗަކީ ސިންގަލް ޔޫސް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅުއްވައި، މި ތަކެތި ރާއްޖެ އެތެރެކުރުމަކީ މަނާކަމެއް ކަމުގައި ކަނޑައަޅުއްވާފައެވެ.
މި 12 ބާވަތް ރާއްޖެ އެތެރެކުރުން މަނާކުރަނީ 3 އަހަރުދުވަހަށް ބަހާލައިގެންނެވެ. އެގޮތުން އަންނަ އަހަރުގެ ޖޫންމަހުން ފެށިގެން މީގެތެރެއިން 9 ބާވަތެއް ރާއްޖެ އެތެރެކުރުން މަނާވާނެއެވެ. މީގެތެރޭގައި ހިމެނެނީ:

ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ހޮޅި

ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި

ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު

ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ

250 މިލިލީޓަރަށް ވުރެ ކުޑަ އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ތަށި

ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު

50މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި

ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ބުއިމަށް ބޭނުންކުރާ ހުރިހައި ދިޔާތަކެތި

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުވެސް ބައެއް ތަކެތި ރާއްޖެ އެތެރެކުރުން ވަނީ މަނާކަމަށް ކަނޑައަޅާފައެވެ. އެގޮތުން 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހުން ފެށިގެން ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅުގެ އިތުރުން، 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ހިމެނޭ ކުދި ޝޭމްޕޫ ފުޅިއާއި ސައިބޯނި ފުޅި ހިމެނެއެވެ. މީގެއިތުރުން 2023 ވަނަ އަހަރުން ފެށިގެން ރާއްޖެއަށް އިމްޕޯޓްކުރުން މަނާކުރާ ބާވަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕެޓް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ފުޅިއެވެ.

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ސަރުކާރުގެ އަމާޒަކަށްވާއިރު، ސިންގަލް ޔޫސް ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާގުޅޭ ޕްލޭން ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާފައިވަނީ މިދިޔަ ނޮވެންބަރުމަހުގެ 5 ވަނަ ދުވަހުގައެވެ.