އދ ފެންފުށީގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫތަކާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވާފައި

4 ޑިސެމްބަރ 2021 - 7:44

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ފެންފުށީ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކުރިޔަށްގެންދާ ބައެއް މަޝްރޫޢުތަކާއި ގުޅޭގޮތުންނާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ނަރުދަމާ ނިޒާމާއެކު ފެނުގެ ނިޒާމު ޤާއިމުކުރުމާ ގުޅޭގޮތުންނާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި ސްކޫލަށް އިތުރު 8 ކްލާސްރޫމުގެ އިމާރާތެއްގެ މުހިންމުކަމާއި ހެލްތު ސެންޓަރު އެހެން ސަރަޙައްދަކަށް ބަދަލުކުރުންފަދަ ކައުންސިލާ ރައްޔިތުން ބޭނުންވާ މުހިންމުކަންކަން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބިން ހިއްކުމާއި އައު މިސްކިތަކާއި ކައުންސިލު އިދާރާގެ އައު އިމާރާތެއް އެޅުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކާއި އަސާސީ ކަންކަން ފުރިހަމަކޮށްދިނުމުގައި އާބާދީ ކުޑަރަށަކާއި އާބާދީ ބޮޑުރަށެއްގެ މެދުގައި ސަރުކާރުން ތަފާތު ނުކުރައްވާނެކަމުގައެވެ.

ފެންފުށީގެ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބަނދަރުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާގުޅޭ ގޮތުން އަދި ނަރުދަމާ ނިޒާމުގެ މަޝްރޫޢަށް ގެންނަން ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުންނާއި އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވާނެކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކާއި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލަރުންނާ ހިއްސާ ކުރައްވާފައެވެ.