ފުލުހުންނަށް ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދޭ ކޯހެއް ފަށައިފި

2 ޑިސެމްބަރ 2021 - 8:11

ދިވެހި ފުލުހުންގެ ހިދުމަތުގައި މަސައްކަތްކުރާ މުވައްޒަފުން ދިވެހި ބަހަށް އަހުލުވެރިކޮށް، ދިވެހިބަސް ހެޔޮގޮތުގައި ބޭނުންކުރަން ދަސްކޮށްދީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް މުއާމަލާތް ކުރާނެ ގޮތްތައް ދަސްކޮށްދިނުމުގެ ގޮތުން ކޯހެއް ފަށައިފިއެވެ.

މި ކޯސް ފެށުމުގެ ގޮތުން ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުރޭ ބޭއްވި ރަސްމިއްޔާތުގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަހީމް އާއި މާލެ ސިޓީ ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން އާއި އޮކްޒިލެރީ ސަރވިސަސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި ޕޮލިސް އެކަޑަމީގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝަހީމް ބައިވެރިވެލެއްވިއެވެ.

ޕޮލިސް އެކަޑަމީ އާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން ފުލުހުންގެ މުއައްސަސާގައި އިދާރީ މަސައްކަތްކުރާ މުވައްޒަފުންނަށާއި ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކުރު މުއްދަތުގެ މި ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ބުރެއްގައިވެސް 30 ބައިވެރިން ބައިވެރިވާއިރު މި ކޯހުގައި ޖުމްލަ 120 މުވައްޒަފުން ބައިވެރިވެއެވެ.

މި ކޯހުގައި ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދާއި ދިވެހިބަހުގެ ދަރަޖަތަކާއި ދަރަޖަތައް ބެހިގެންވާ ބައިތަކާއި ބަދަލުވާ އަކުރާއި ސުކުންތަކާއި ތިކިޖެހިތާނަ އޮޅުންފިލުވައިދީ ކުށްބަހާއި ކުށް އިބާރާތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.

މި ކޯހުގައި ކިޔަވައިދެއްވަނީ އަލްއުސްތާޛް ޢަބްދުލް ޢަޒީޒް ޖަމާލު އަބޫބަކުރާއި އާދަމް ނަޞީރު އިބްރާހިމް އާއި ޒުލްފާ އިބްރާހިމް އާއި ޢިލްޔާސް ޝުޖާޢު އަދި ޝަހުމާ ޢަލީއެވެ.