މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރަނީ

30 ނޮވެމްބަރ 2021 - 6:52

މ. ކޮޅުފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދެވެ.

މި މަޝްރޫޢުގެ ދަށުން، 9683 ކިއުބިކް މީޓަރުގެ ވެލި ގިރާ ސަރަޙައްދަށް އެޅުމާއި، 202 މީޓަރުގެ ބޭރުތޮށި ލުމާއި، 519 މީޓަރު ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މިއީ 96.22 މިލިއަން ރުފިޔާ އަށް، 365 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

މިވަގުތު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެމްޓީސީސީގެ 64 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެތެރެއިން 8 މަޝްރޫޢަކީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢެވެ. އަދި މިވޭތުވެދިޔަ 3 އަހަރު ދުވަހުގެތެރޭގައި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 6 މަޝްރޫޢެއްގެ މަސައްކަތް ވަނީ ނިންމާފައެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިއްމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.