ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސް ތަސްދީޤުކުރައްވައިފި

28 ނޮވެމްބަރ 2021 - 9:10

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ނަމްބަރު: 4-1993)އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2021 ނޮވެންބަރު މަހުގެ 16 ވީ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 39 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

މި ބިލުގައި އިޞްލާހު ހުށަހަޅާފައި ވަނީ ކައުންސިލުތަކުން މި ޤާނޫނުއި ގުޅުންހުރި ބައެއް ޚިދުމަތް ފޯރުކޮށްދިނުންމާއި ގުޅޭގޮތުންނެވެ. އެގޮތުން މި ގެނައި އިޞްލާޙުގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތައް، އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދޭނީ، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައިވާ ގޮތުގެމަތިން، އެ އަތޮޅެއް ނުވަތަ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ކައުންސިލަކުންނެވެ.

އަދި މި މާއްދާގެ (ހ) ގެ ދަށުން އަތޮޅު ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ނުވަތަ ސިޓީ ފެންވަރުގައި ފޯރުކޮށްދިނުމަށް މިނިސްޓްރީން ކަނޑައަޅާ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމާގުޅޭ އުޞޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ޤަވާއިދުގައި ބަޔާންކުރުމަށް ކަނޑައަޅުއްވާފައިވެއެވެ. ހަމަ އެއާއެކު މި މާއްދާގެ (ހ) ގައި ބަޔާންކުރާ ޚިދުމަތްތަކާ ގުޅިގެން މިނިސްޓްރީ އާއި ކަމާގުޅޭ އިދާރާތަކުން ކައުންސިލުތަކަށް ބޭނުންވާ ފައިސާއާއި ވަޞީލަތްތަކާއި އެހީތެރިކަން ކައުންސިލުތަކަށް ފޯރުކޮށްދޭންވާނެކަމަށާއި، އަދި ކައުންސިލުތަކަށް ފައިސާއާއި ވަޞީލަތްތަކާއި އެހީތެރިކަން ފޯރުކޮށްދޭނެ ގޮތް މި މާއްދާގެ (ށ) ގައިވާ ޤަވާއިދުގައި ބަޔާންކުރުމަށްވެސް މި ޤާނޫނުގައި ކަނޑައަޅުއްވާފައިވެއެވެ. މީގެ އިތުރުންވެސް މި އިޞްލާޙުގެ ސަބަބުން އައި ބަދަލުތައް މި ޤާނޫނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނަށް ގެނައި އިޞްލާޙުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ޤަވާއިދުތަކާއި އިޞްލާޙުކުރަންޖެހޭ ޤަވާއިދުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައިވެސް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ބިލު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. ހަމައެއާއެކު، މިއަދުން ފެށިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށޭނެއެވެ.