ފޮނަދޫގައި ހުރި ގިނަދުވަސްވީ ކުނި ނެގުމުގެ މަސައްކަތް ފަށައިފި
27 ފެބުރުއަރީ 2021 - 10:06
އެތައް ޒަމާނެއްވީ ކުނީގެ ބޮޑެތި ފުނިތައް ރާއްޖޭގެ ގިނަ ރަށްރަށުގައި ހުރެ އެފަދަ ކުނީގެ ސަބަބުން އިޖްތިމާޢީ އަދި ތިމާވެށީގެ އެތައް މައްސަލައެއް ކުރިމަތި ވަމުންއަންނާތީ، މިމައްސަލަ ޙައްލުކުރުމަށްޓަކާ ކުނި ބޭރުކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުންވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއާއި ޙަވާލުކޮށްފައެވެ. މީގެ ދަށުން ވެމްކޯއިން މިހާރުވަނީ ލ.ފޮނަދޫގައި މަސައްކަތް ފަށާފައެވެ.
ވެމްކޯއިން ވިދާޅުވީ އެރަށުން 4000 ޓަނުގެ ކުނި ބޭރުކުރެވޭނެކަމަށް ލަފާކުރެވޭކަމަށެވެ. ވެމްކޯއިން ވިދާޅުވީ ފޮނަދޫގައިވެސް ހުރި ކުނީގެ ތެރޭގައި ނިސްބަތުން ހުރި ވެލި ގިނަކަމަށެވެ. އެހެންކަމުން އެހެން ރަށްރަށުގައި ކުރިއަށްގެންދާ އުސޫލުން އެރަށުންވެސް ކުނި ބޭރުކުރާނީ ކުނި ގޮނޑު ފުރާނާއިގެން ކުނީގެ ގޮތުގައި ހިމެނޭ ބައިކަމަށެވެ.
ވެމްކޯގެ ވޭސްޓް ކަލެކްޝަން މެނޭޖަރ މުޙައްމަދު ޝާން ވިދާޅުވީ މިމަސައްކަތުގެ ދަށުން އެންމެ ބޮޑު އެއް ދައްޗަކީ އެތައް ޒަމާނެއްވީ ކުނީ ސެގްރިގޭޓް ކުރެވި، ވަކިވެފައި ނެތުމުގެ ސަބަބުން ކުނި ވަކިކުރުމަށް ކުރަންޖެހޭ މަސައްކަތްކަމަށެވެ. އަދި މިގޮތަށް ނަގާ ކުނީގެ ތެރެއިން ކުނިތައް ވަކިކޮށް ރަށުގައި ނައްތާލެވޭ ކުނި ރަށުގައި މެނޭޖްކުރަމުން އަންނަކަމަށް ޝާން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ކުނިތައް ވަކިކޮށްގެން އެތައް ޒަމާނެއްވަންދެން ހުރިކަމަށްވުމުން އޭގައި ހިމެނޭ ވެލީގެ ބައި ވަކިކުރުން. މިގޮތަށް ނަގާ ކުނީގެ ވޮލިއުމްއިން ބަލާކަމުގައިވާނަމަ ކުނީގެ 60 އިންސައްތައަކީ ވެލި. އެހެންކަމުން އެބައި ވަކިކޮށްގެން އަޅުގަނޑުމެން ކުނި ރަށުން ބޭރުމިކުރަނީ" ޝާން ވިދާޅުވިއެވެ.
މިމަހުގެ 4 ވަނަ ދުވަހު ވެމްކޯއާއި ޙަވާލުކުރެވުނު މިމަސައްކަތުގެ ދަށުން މިހާރު އަންނަނީ 4 ރަށެއްގައި ކުނި ބޭރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ހދ.ކުޅުދުއްފުއްޓާއި ކ.ތުލުސްދޫއާއި ލ.ފޮނަދޫއާއި ފުވައްމުލައް ސިޓީއެވެ. މިމަޝްރޫޢުގެ ދަށުން ކ.ގުރައިދޫއިން 1200 ޓަނުގެ ކުނި 5 ދުވަހުގެ ތެރޭގައި ވެމްކޯއިން ވަނީ ބޭރުކޮށް އެރަށުގައި އޮތް ކުނިގޮނޑު ހުސްކޮށްދީފައެވެ.
މިހާރު އޮތް ކޯވިޑް-19ގެ ސަބަބުން ވެމްކޯއިން ބޭނުންވާ ސްޕީޑުގައި ކުނިތައް ރަށްރަށުން ބޭރު ނުކުރެވޭކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އެގޮތުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރަށްރަށުގައި ކަރަންޓީންގެ މުއްދަތު ހަމަކުރުމާއި ޢާއްމުންނާއި ވީހާވެސް ދިމާނުވާގޮތަށް ރަށްރަށުގެ ކައުންސިލްތަކާއި ވެމްކޯ ގުޅިގެން ދުރާލާ ޕްލޭންތައް ކޮށްގެން މަސައްކަތް ކުރިއަށްގެންދާކަމަށް ވެމްކޯއިން ވިދާޅުވެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ރަށްރަށުގައިވެސް މިމަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވެމްކޯއިން ވިދާޅުވެއެވެ.