ސެނަގަލް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

23 ނޮވެމްބަރ 2021 - 10:35

ސެނަގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަބްދުލް ވަހާބް ހައިދަރާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެނަގަލްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުޙަބާ ވިދާޅުވެފައެވެ.

ސެނަގަލްއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، ވަނީ ސަފީރުކަމުގެ މަޤާމާއި ހަވާލުވުމުން އުފާކުރައްވާކަމުގައި ވިދާޅުވެ، ސެނެގާލްގެ ރައީސް މެކީ ސާލްގެ ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައެވެ. މީގެ އިތުރުން ސަފީރު ވަނީ ރާއްޖެއިން އ.ދ. ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަނުގެ ރިޔާސަތު ކާމިޔާބުކުރުމުން ދިވެހި ސަރުކާރަށް ތަހުނިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރާއްޖެއިން އެންމެ އިސްކަންދޭ އެއްކަމަކީ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް ރަނގަޅުކޮށް، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުންކަން ފާހަގަކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކޯވިޑް-19 ގެ ކަންކަން މެނޭޖްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާއި ކުޅިވަރާއި ފަތުރުވެރިކަމާއި ސަޤާފަތް ފަދަ ދެ ޤައުމުން ޝައުޤުވެރިވާ މައުޟޫޢުތަކުގައި މަޝްވަރާކުރައްވާފައެވެ.

ސެނަގަލްގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ފަތުރުވެރިކަމާއި ސަޤާފަތް ކުރިއެރުމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ އެ ޤައުމަށް މުހިންމުކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ދެ ބޭފުޅުން ވަނީ ކައުންޓަރ ޓެރަރިޒަމް އަދި އިންސާނީ ޙައްޤުތަކާ ގުޅޭ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.