ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް އޮންނާނެ: ރައީސް

17 ނޮވެމްބަރ 2021 - 8:26

އައު ވިޔަފާރިތައް ރާއްޖޭގެ އިޤްތިޞާދަށް ނެރެދިނުމަށް ސަރުކާރުން މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށާ ޕްރައިވެޓް ސެކްޓަރގެ ބައިވެރިއެއްގެ ގޮތުގައި ސަރުކާރު އަބަދުވެސް އޮންނާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޯޕަރޭޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ރޭ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި "ގޯލްޑް 100 ގާލާ" ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކޯވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ އިޤްތިޞާދަށް ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިމަތިވި ގެއްލުންތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ކޯވިޑްގެ ބަލިމަޑުކަމަށްފަހު އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، އިޤްތިޞާދު ރަނގަޅުވާން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ނިސްބަތް ހުރީ، ކޯވިޑްގެ ކުރިން ޢާންމުކޮށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައި ބަލާއިރު 70 އިންސައްތައިގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކޯވިޑްގެ ސަބަބުން ކުރިމަތިލާންޖެހުނު ގެއްލުންތައް ފޫބައްދައި އިޤްތިޞާދު ދެމެހެއްޓުމުގައި ވިޔަފާރިތަކުން އަދާކުރި މުހިންމު ދައުރު ވެސް ފާހަގަކުރެއްވިއެވެ. ހަމަ އެހެންމެ ކޯވިޑްގެ އެންމެ ދަތި ދުވަސްވަރުވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށްޓަކައި ބޮޑެތި ވިޔަފާރިތަކާ ކުދި ވިޔަފާރިތަކަށް ވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ޙަފްލާގައި އެވޯޑް ޙާޞިލްކުރި ވިޔަފާރިތަކަކީ، އީޖާދީ، އުފެއްދުންތެރިކަމާއެކު ކުރިމަގަށް ވިސްނައިގެން ހިންގާ ނަމޫނާ ވިޔަފާރިތަކެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.

"ގޯލްޑް 100" އަކީ ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު 100 ކުންފުންޏެއް ހޮވައި ދޭ އެވޯޑެކެވެ. މިރޭގެ ޙަފްލާގައި މި ފަހަރު މިއެވޯޑް ޙާޞިލުކުރި 100 ކުންފުންޏަށް އެވޯޑް ހަވާލުކުރެވުނެވެ.

އަދި މި ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "ގޯލްޑް 100" މެގަޒިން ރަސްމީގޮތުން ނެރެދެއްވާފައެވެ. މީގެ އިތުރުން މި ޙަފްލާގައި، ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ޙާޞިލުކުރި ދެ ބޭފުޅުންނަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އެވޯޑް ހަވާލުކޮށްދެއްވާފައެވެ.

"ގޯލްޑް 100 ގާލާ" ޙަފްލާއަކީ ރާއްޖޭގެ ވިޔަފާރިވެރިންގެ އެންމެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ވިޔަފާރީގެ އާ ފުރުޞަތުތައް ހޯދާފަރާތްތަކަށް ވެސް އެފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވާ ޙަފްލާއެކެވެ. މި ޙަފްލާގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ވިޔަފާރިތަކުގެ ޗެއަރމަނުންނާއި، މެނޭޖިންގ ޑިރެކްޓަރުންނާއި، ސީ.އީ.އޯ. އިންނާއި، ވިޔަފާރިތަކުގައި ހަރަކާތްތެރިވާ އިސްފަރާތްތަކުން ބައިވެރިވެލެއްވިއެވެ.