ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން ބޭނުންވޭ: ރައީސް

16 ނޮވެމްބަރ 2021 - 3:07

ރާއްޖޭގެ ތަރައްޤީގެ ދުވެލި، މިހާރު ހުރީ ރަނގަޅު މިސްރާބުގައިކަމަށާއި އެގޮތުން ޤައުމީ އާމްދަނީއާ ގުޅިފައިވާ ޞިނާޢަތްތައް ކުރިއަރަމުން އަންނަނީ އުންމީދު އާކޮށްދޭ ގޮތެއްގައިކަމުގައި ފާހަގަކުރައްވާ މިއަދު ރާއްޖެ މިއޮތީ، ދިވެހި އެކައުންޓެންޓުންނާއި އޮޑިޓަރުން އުފައްދައި ތަމްރީނު ކުރުމަށް، ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ޙާލަތެއްގައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން އިސްނަންގަވައިގެން ކުރިއަށްގެންދާ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް އިފްތިތާޙު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކްރޮސްރޯޑު މޯލްޑިވްސްގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތާއި ޕްރައިވެޓް ސެކްޓަރގެ މާލީ ކަންކަމާއި، ޓެކްސްގެ ކަންކަން ބަލަހައްޓާނެ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ރޯލު އިތުރަށް ފުޅާކުރުމުގެ ބޭނުންތެރިކަން މިހާރު ވަރަށް ބޮޑުވެފައިވާކަމުގައި ފާހަގަކުރައްވާފައެވެ. އެހެންކަމުން އެކައުންޓިން ޕްރޮފެޝަން ތަރައްޤީ ކުރުމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ޚާއްޞަ ގޮތެއްގައި އެކައުންޓަންޓުން ތަމްރީނުކޮށް ފަންނީ ޤާބިލުކަން އިތުރު ކުރުމަށް ފުރުޞަތުތައް ތަނަވަސް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުން އެކައުންޓެންސީ ޕްރޮފެޝަން ކުރިއަރުވައި ތަރައްޤީކުރުމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދިވެހިރާއްޖޭގެ ޗާޓަޑް އެކައުންޓެންޓުންގެ ޤާނޫނުގެ ނަމުގައި، މިދިޔަ އަހަރު ޤާނޫނެއް ހަދައި ޢަމަލުކުރަން ފަށާފައިވަނީވެސް އެކައުންޓެންސީ ދާއިރާއަށް ބޭނުންވާ ތަޢުލީމާއި ތަމްރީނާއި ވަޞީލަތްތައް، މި ދާއިރާގެ ބޭފުޅުންނަށް ފޯރުކޮށްދިނުމުގެ މުހިންމު ބޭނުމުގައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެކައުންޓިން ދާއިރާގެ މުހިންމުކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކައުންޓިން ދާއިރާއަކީ، ހެޔޮ ވެރިކަމުގެ ނިޒާމާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ދާއިރާއެއްކަމަށެވެ. އަދި މިދާއިރާ ހަރުދަނާވެ ފުޅާވި ވަރަކަށް، ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގެ ދެފުށް ފެންނަ މިންވަރު އިތުރުވެ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނަށް މަގުފަހިވާ ދޮރުތައް ހަނިކުރެވި، ނަޒާހަތްތެރިކަމުގެ ސިފަ އަށަގަތުމަށް ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކައުންޓެންޓުންނާއި އޮޑިޓަރުންގެ ފަންނީ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ހިފެހެއްޓުމަށް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއިން އަވަސް މަސައްކަތްތަކެއް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ ސަބަބުން އެކައުންޓެންސީ ޕްރޮފެޝަނަށް، އިންޑަސްޓްރީގެ އިތުބާރާއި ޔަޤީންކަން ހޯދުމަށް މަގުފަހިވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ. މީގެ އިތުރުން މި ޖަލްސާގައި އެމަނިކުފާނު ވަނީ އެކައުންޓެންސީ ދާއިރާގެ މިންގަނޑުތަކާ އެއްގޮތަށް، އެކައުންޓެންޓުންގެ ފަންނީ އަދި އަޚުލާޤީ މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތައް ހިފެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ބާރުއަޅުއްވާފައެވެ.

މި ޖަލްސާގައި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް އިން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލާއެއް ވެދުމަށް އަރުވާފައެވެ.