ފިލިޕީންސްގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

15 ނޮވެމްބަރ 2021 - 9:54

ފިލިޕީންސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ އެލަން އެލް ޑެނިއެގާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، ފިލިޕީންސްގެ އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ސަފީރުކަމާ ހަވާލުވެވަޑައިގަތުމާއި ގުޅިގެން މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އާއި ސަފީރު ވަނީ ދެ ޤައުމުގައި ހުރި ޚިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެދެބޭފުޅުން ވަނީ ދެ ޤައުމުގެ މިހާރުގެ ކޮވިޑްގެ ޙާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ފިލިޕީންސްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ދެއްވާ މެހްމާންދާރީއާއި، ވެދެއްވާ އެހީއަށް ޝުކުރު އަދާކުރައްވައި، ރާއްޖޭގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ފިލިޕީންސްގެ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެއާއި ފިލިޕީންސްއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.