ސެންޓްރަލް ޕާކުގައި ތަރައްޤީކޮށްފައިވާ އިންޓަރެކްޓިވް ވޯޓަރ ފައުންޓަން ހުޅުވައިފި

13 ނޮވެމްބަރ 2021 - 6:49

އެޗް.ޑީ.ސީ އިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ ސެންޓްރަލް ޕާކުގައި ތަރައްޤީކޮށްފައިވާ ސެންޓްރަލް ޕާކުގެ އިންޓަރެކްޓިވް ވޯޓަރ ފައުންޓަން މިއަދު ވަނީ އިފްތިތާޙްކޮށްފައެވެ. މިކަމަށް ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ފައްވާރު އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ ހުސައިން ރަޝީދު ހަސަން އަދި އެޗް.ޑީ.ސީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަހުމަދެވެ.

https://twitter.com/hdcmaldives/status/1459227039907475457

މި އިންޓަރެކްޓިވް ފައުންޓަންނަކީ މިއުޒިކާއި ލައިޓާއި އެއްވަރަށް ފެންގަނޑުގެ ހަރަކާތްތައް ޕްރޮގްރާމް ކުރެވިފައިވާ، ޖުމްލަ 20 ހާސް އަކަފޫޓުގެ ޖާގައިގާއި ހަދާފައިވާ ފައްވާރެކެވެ. އަދި ފެން 15 މީޓަރާއިހަމައަށް ހަރަކާތްކުރުމުގެ ތެރޭގައި ހިއްލޭނެއެވެ. މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ އަލްކޭ އިންސާތު ސަނައީ ވެ ޓިކަރެޓް އޭއެސްއަށް ހަވާލުކުރެވިގެންނެވެ. މިއަދު ރަސްމީކޮށް ހުޅުވާލެވުނު މި އިންޓަރެކްޓިވް ފައުންޓަން އަކީ ސެންޓްރަލް ޕާކު ތަރައްޤީ ކުރުމަށް ބަހާލައިފާ ޒޯންތަކުގެ ތެރެއިން މުހިއްމު އެއް ޒޯނެވެ.

މި ހަފުލާގައި ވާހަކަފުޅުދައްކަވަމުން އެޗް.ޑީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ސުހައިލް އަހުމަދު ވަނީ ރެކްރިއޭޝަން ޒޯނާއި، މިސްކިތެއް ހިމެނޭގޮތަށް ތަރައްޤީ ކުރެވޭ ސަރަހައްދު ފާހަގަކުރައްވާ، މީގެ އިތުރުންވެސް މިގޮތަށް ހުންނަ ހުސް ޖާގަތަށް ބޭނުންކުރުމަށް ކަނޑައަޅާފައިވާ އަރބަން ފާމިންގ ސަރަޙައްދުގެ މަސައްކަތްތައް ފުޅާކޮށް މިފަދަ އޯޕަން ގްރީން ސްޕޭސްތަކުން މަންފާ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް ކުންފުނީގެ ފަރާތުން ކުރައްވާނެކަމަށް ވިދާޅުވެފައެވެ.