ދަނޑުވެރިކަމާ ގުޅުންހުރި މަސައްކަތް ކުރުމަށް ސަރުކާރުން 5 ރަށެއް ދޫކުރަނީ
10 ނޮވެމްބަރ 2021 - 10:58
ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ކަނޑައެޅިފައިވާ ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން، 2 ވަނަ ބުރުގައި 5 (ފަހެއް) ފަޅުރަށެއް ބީލަމުގެ އުސޫލުން 21 (އެކާވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގައި މިނިސްޓްރީގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށް ދިނުމެވެ. މީގެއިތުރުން، ކުކުޅު، އަސްދޫނިފަދަ ޕޯލްޓްރީގެ ބާވަތްތަކާއި ބަކަރި ފަދަ ޖަނަވާރު ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހީގެ މުޑުވައް ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުޞަތުތައްވެސް އިތުރުކުރުމެވެ.
ދަނޑުވެރިކަމުގެ މަސައްކަތުން ލިބޭ ނަފާ އިތުރުކުރުމަށް ކުރަންޖެހޭ ޚަރަދު ކުޑަކުރުމަށް ބާރުއެޅުމުގެ ގޮތުން މިރަށްތަކަށް ދެއްކުމަށް ހަމަޖެހިފައިވާ އަހަރީ ކުއްޔަކީ އަހަރަކަށް އަކަފޫޓަކަށް 10 (ދިހައެއް) ލާރިއެވެ.
މި ރަށްރަށުގެ ބިމުގެ ސަރަޙައްދުން ގިނަވެގެން %30 ބިމުގެ ސަރަޙައްދެއްގައި މި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ.
ދޫކުރުމަށް ހަމަޖެހިފައިވާ ރަށްތައް:
- ށ. ނެޔޮ
- ނ. ތޮޅެންދޫ
- ގދ. އޮއިނިގިއްލާ
- މ. މާހުރާ
- ލ. ތުނބުރި
ބީލަން ފޮތް ވިއްކަން ހަމަޖެހިފައިވަނީ 18 ނޮވެމްބަރު 2021 ވަނަ ދުވަހުން ފެށިގެން 30 ޑިސެމްބަރު 2021 ވަނަ ދުވަހާއި ހަމައަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 އިން 12:00 އަށެވެ. އަދި ބީލަން ފޮތް ވިއްކުމަށް ހަމަޖެހިފައިވާ އެންމެ ފަހު ވަގުތު ކަމުގައިވާ 30 ޑިސެންބަރު 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ރިސެޕްޝަން (ވެލާނާގެ 7 ވަނަ ފަންގިފިލާ) އަށް ރިޕޯޓް ނުކުރައްވާ ފަރާތްތަކަށް ބީލަން ފޮތް ބައްލަވައިގަތުމުގެ ފުރުޞަތު ބަންދުވާނެއެވެ.