ދެ ރަށެއްގެ ބަނދަރު ތަރައްޤީކުރަން ހަވާލުކޮށްފި
9 ނޮވެމްބަރ 2021 - 11:19
ޑިޒައިން އެންޑް ބިލްޑް އުސޫލުން ރ.ކިނޮޅަސް ބަނދަރު ހެދުމަށާއި، ބ.ހިތާދޫ ބަނދަރު ހެދުމަށް ސަރުކާރުން މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި ދެ ރަށުގެ ބަނދަރު ހެދުމުގެ މަޝްރޫޢު ހަވާލުކުރުމަށް މިއަދު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އާދަމް އާޒިމެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ޙަމީދެވެ.
ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތަފްސީލް:
- ބަނދަރު ފުންކުރުން.
- 285 މީޓަރުގެ ބޭރުތޮށިލުން.
- 162 މީޓަރުގެ ގްރޮއިން ޖެހުން.
- 65 މީޓަރުގެ ރިވެޓްމެންޓް ޖެހުން.
- 186 މީޓަރުގެ އެއްގަމުތޮށިލުން.
- ރޭމްޕެއް ހެދުން.
- 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
- ބަނދަރު ބައްތިއާއި ނެރުބައްތި ހަރުކުރުން.
މީގެ އިތުރުން އެމްޓީސީސީން ވަނީ، ކިނޮޅަސް ބަނދަރުގެ ނެރުމައްޗަށް ފަސްއަރައި، އުޅަނދު ފަހަރަށް ވަދެނިކުތުމަށް ދަތިވާވަރަށް ނެރު ބެދިފައިވުމުގެ ސަބަބުން އެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކިނޮޅަސް ބަނދަރާއި ނެރު
ފުންކޮށްފައެވެ.
ހަމައެހެންމެ ބަނދަރު ތެރެއަށާއި، ނެރުމައްޗަށް ވެލި އެރުން ކުޑަކުރުމަށްޓަކައި އެ ސަރަހައްދުގައި ގްރޮއިން ޖަހައި، އެ މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ މަސައްކަތް މިދިޔަ މަހުގެ 27 ގައި ވަނީ ނިންމައިލާފައެވެ.
ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތަފްސީލް:
- 19030 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން.
- 495 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުން.
- 22 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން.
- 90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 350 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށިލުން.
- ރޭމްޕެއް ހެދުން.
- 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން.
- ބަނދަރު ބައްތިއާއި،ނެރުބައްތި ހަރުކުރުން.
ހިތާދޫ ބަނދަރު ހެދުމުގެ މަޝްރޫޢުއަކީ 17.70 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ނިންމުމަށް ހަމަޖެހިފައިވަނީ 540 ދުވަހުގެ ތެރޭގައެވެ. ހަމައެހެންމެ ކިނޮޅަހު ބަނދަރު ހެދުމުގެ މަޝްރޫޢުއަކީ 45.12 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 420 ދުވަހުގެތެރޭގައެވެ.