ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން “އޯނިންގް މައި ތޯޓްސް: އަ ތެރަޕިއުޓިކް ޖަރނަލް” ފޮތް އިފްތިތާޙްކޮށްދެއްވައިފި

6 ނޮވެމްބަރ 2021 - 9:41

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، "އޯނިންގް މައި ތޯޓްސް: އަ ތެރަޕިއުޓިކް ޖަރނަލް" ފޮތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިދިޔަ ބުރާސްފަތު ދުވަހު ޝައިންޓްރީ ބިލްޑިންގައި ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ތެރަޕިއުޓިކް ބޭނުމަށް ލިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ، މިއަދު އިފްތިތާޙުކުރެވުނު ފޮތުގެ ސަބަބުން އަލަށް ޖަރނަލް ލިޔާ މީހުންނަށްވެސް އިތުރު ބާރަކަށްވާނެކަމުގައި ވިދާޅުވެފައެވެ. މީގެ އިތުރުން އެކަމަނާ ވަނީ ތެރަޕިއުޓިކް ބޭނުމަށް ޖަރނަލް ލިޔުމަކީ އޭގެ އެތަކެއް ފައިދާތަކެއް އޮތްކަމެއްކަން ފާހަގަކުރައްވައި، ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ބޭފުޅުންނަށް އެނގޭ މަޢޫލޫމާތާއި ވަޞީލަތްތައް އެހެން ފަރާތްތަކާވެސް ޙިއްޞާކުރެއްވުމަކީ ބޭނުންތެރިކަމެއް ކަމަށް ވިދާޅުވެފައެވެ.

މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައި ގެ ޗެއަރޕަރސަން، ޙައްވާ ލީޝާ ލިޔުއްވި މިފޮތަކީ 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށް އަމާޒުކުރައްވައި ޕޮޒިޓިވް މެސެޖުތަކާއި ފައްސި ވިސްނުން ކުރިއަރުވާ ފަދަ މެސެޖުތައް ހިމަނުއްވައިފައިވާ އަދި އެމީހެއްގެ އަމިއްލަ ތަޖުރިބާތައްވެސް އޭގައި ލިޔެވޭނެގޮތަށް އޮތް ފޮތެކެވެ.

މިފޮތަކީ އޮސްޓްރޭލިއާ އެވޯޑްސްގެ ގްރާންޓް ގެ އެހީގައި ޗާޕްކޮށްފައިވާ ފޮތެކެވެ. މިފޮތުގެ 500 ކޮޕީ ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ސްކޫލްތަކަށާއި ޢާންމުން ނަށް ފޯރުކޮށްދެވޭނެފަދަ ތަންތަނަށެވެ. އަދި މިފޮތުގެ 500 ކޮޕީ ވަނީ ވިޔަފާރި އުޞޫލުން ވިއްކުމަށް ހަމަޖެހިފައެވެ. މި ފޮތްތައް ވިއްކައިގެން ލިބޭ ފައިސާ ޚާއްޞައެހީއަށް ބޭނުންވާ ކުދިން ގެންގުޅޭ 10 ބެލެނިވެރިންނަށް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.