އިންކަމް ސަޕޯޓް އެލަވަންސް 18000 އަށްވުރެ ގިނަ މީހުންނަށް

23 ފެބުރުއަރީ 2021 - 8:17

އިންކަމް ސަޕޯޓް އެލަވަންސް މިހާތަނަށް 18000 އަށްވުރެ ގިނަ މީހުންނަށް ދޫކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިންކަމް ސަޕޯޓް އެލަވަންސްއަކީ ކޯވިޑް-19އާ ގުޅިގެން ގިނަ ބައެއްގެ ވަޒީފާ ގެއްލުމާއި، ވިޔަފާރިތައް ހުއްޓި ޢާމްދަނީއަށް އަސަރުކުރުމާއި ގުޅިގެން، އެފަދަ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ދޭންފެށި އެލަވަންސެކެވެ. ފިނޭންސް މިނިސްޓްރީން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް 18199 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ވަނީ ދޫކޮށްފައެވެ. އަދި އެމީހުންނަށް ދޫކުރި އިންކަމް ސަޕޯޓް އެލަވަންސްގެ ޖުމްލަ 284.1 މިލިއަން ރުފިޔާއަށް އަރާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

އިންކަމް ސަޕޯޓު އެލަވަންސަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ޖޮބް ސެންޓަރެށެވެ. ވަޒީފާއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންނަށް އެލަވަންސް ދިނުމުގެ ޝަރުޠުތަކުގެ ތެރޭގައި، ދިވެހި ރައްޔިތަކަށް ވުމާއެކު، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހެއްކަމުގައި ވާންޖެހެއެވެ. އަދި އެއީ ޢުމުރުން 18 އަހަރާއި، 65 އަހަރާއި ދެމެދުގެ މީހަކަށް ވާންޖެހެއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާނީ 2020 ވަނަ އަހަރުގެ ޑިސެމްބަރ މަހާއި ހަމައަށެވެ. އެހެންކަމުން މިހާރު އެލަވަންސް ދޫކުރަމުންދަނީ ޑިސެމްބަރ މަހުގެ އެލަވަންސްއަށް އެދި ހުށައަޅާފައިވާ ފަރާތްތަކަށެވެ.