ރައީސުލްޖުމްހޫރިއްޔާ ލަންޑަންގައި ބާއްވާ ވޯރލްޑް ޓްރެވަލް މާކެޓަށް ޒިޔާރަތްކުރައްވައިފި

4 ނޮވެމްބަރ 2021 - 7:20

ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް އިނގިރޭސިވިލާތުގެ ލަންޑަންގައި ބާއްވާ ވޯރލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) އަށް ޒިޔާރަތްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މަޢުޞޫމް ހިމެނޭހެން ރާއްޖޭގެ ވަފްދެއް ވަނީ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންފައެވެ.

https://twitter.com/presidencymv/status/1455867281402175492

ރައީސުލްޖުމްހޫރިއްޔާ ވަނީ ވޯރލްޑް ޓްރެވަލް މާކެޓްގެ ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި 58 އަކަށް ވުރެ ގިނަ ފަތުރުވެރިކަމުގެ ވިޔަފާރި ތަމްސީލުކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ކޮވިޑްގެ މި ދަތި އުނދަގުލުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރައްވާ ކަމަށްޓަކައި ހިތްވަރުދެއްވާފައެވެ.

ވޯރލްޑް ޓްރެވަލް މާކެޓަކީ ދުނިޔޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިޔަށްގެންދާ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ޙަރަކާތެވެ. މިއަހަރު އެ ޙަރަކާތް ކުރިޔަށްގެންދަނީ ހައިބްރިޑް ޙަރަކާތެއްގޮތަށެވެ. މިގޮތުން މި ޙަރަކާތުގެ ޢަމަލީ ބައި ކުރިޔަށްގެންދަނީ ނޮވެމްބަރު 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް އެކްސެލް ލަންޑަންގައެވެ. އަދި މި ޙަރަކާތުގެ ވަރޗުއަލް ބައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 8 ވަނަ ދުވަހުން 9 ވަނަ ދުވަހަށެވެ.

ކޮވިޑް-19 ގެ ސަބަބުން 2020 ވަނަ އަހަރު މުޅި ވޯރލްޑް ޓްރެވަލް މާކެޓް ވެސް ބާއްވާފައިވަނީ ވަރޗުއަލްކޮށެވެ. މި އަހަރު ވޯރލްޑް ޓްރެވަލް މާކެޓް ބްރޭންޑްކޮށްފައިވަނީ އަންނަން އޮތް ފަތުރުވެރިކަމުގެ ޖީލުތައް ކުރިއަރާނެގޮތަށް ވިސްނައިގެން އާ ޚިޔާލުތަކާއި، އާ ޓެކްނޮލޮޖީ އަދި ކުދި ބޮޑު ހުރިހާ ކަމަކަށް ޙައްލު ހޯދުމުގެ މައްޗަށެވެ.