ހުޅުމާލޭގައި ހަދާ 2000 ހައުސިން ޔުނިޓުގެ ލޯނު އެއްބަސްވުމުގައި ސޮއިކޮށްފި

22 ފެބުރުއަރީ 2021 - 4:41

ހުޅުމާލޭގައި ހަދާ 2000 ހައުސިން ޔުނިޓުގެ ފައިނޭންސް އެއްބަސްވުމުގައި އިންޑިއާގެ އިމްޕޯޓް އެކްސްޕޯޓް ބޭންކާއެކު މިއަދު ސޮއިކޮށްފިއެވެ.

ފަހި ދިިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ހުޅުމާލޭގައި 2000 ހައުސިން ޔުނިޓް ހެދުމަށް ހަވާލުކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ ކުންފުންޏެއް ކަމަށްވާ ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އާއެވެ. މި މަސައްކަތް އެންބީސީސީ ހަވާލުކޮށްފައިވަނީ ޑިޒައިންކޮށް، ފައިނޭންސްކޮށް، އިމާރާތް ކުރާ ގޮތަށެވެ.

ފަހިދިރިއުޅުން ކޯޕަރޭޝަނުން ވަނީ އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް 130 މިލިއަން ޑޮލަރުގެ ލޯނެއް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން ނަގައިފަ އެވެ. މި ލޯނު ދީފައިވަނީ ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެންނެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ހަދަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ ދެ ކޮޓަރީގެ 600 ޔުނިޓެވެ.

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ހައުސިންގެ މައްސަލައަކީ މި ގައުމަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އަދި މި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސީ ވައުދަކީ ވެސް ބޯހިޔާވަހި ކަމަށް ހައްލު ހޯދައިދިނުން ކަމަށެވެ. އެގޮތުން މިއަދު ހުޅުމާލޭގައި އިތުރު 2000 ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމެއްގައި އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއި ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހައުސިންގެ ދާއިރާއަށް އިންވެސްޓުކޮށް، އިތުރު ހައުސިން ޔުނިޓުތައް އެޅުމާގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަބާނިއަމް ޖައިޝަންކަރާއެކު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މިއަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދުމަށް ރޭވި މަޝްރޫއުތަކުގެ ތެރެއިން 1000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖުގެ 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި މިހާރު ސޮއި ކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް މެއި މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، އިތުރު 2000 ހައުސިން ޔުނިޓާއެކު މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 5000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް، މާލެ ސަރަޙައްދުގައި ފެށޭނެ ކަމަށެވެ. އަދި މާލޭގެ ރަށްވެހިންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް، އިތުރު މަޝްރޫއެއް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.