ދުބާއީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވިލިއަން ރައީސް ބައްލަވާލައްވައިފި

26 އޮކްޓޯބަރ 2021 - 9:28

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ބޮޑުވަޒީރު، މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްއާ އެކު ދުބާއީ އެކްސްޕޯ 2020ގައި ބަހައްޓާފައިހުރި ރާއްޖޭގެ ޕެވިލިއަންއަށް މިއަދު ހަވީރު ޒިޔާރަތްކުރައްވައި އެތަން ބައްލަވާލައްވައިފިއެވެ.

އެކްސްޕޯގައި ރާއްޖޭގެ ޕެވިލިއަން ޤާއިމުކޮށްފައި ހުރީ އެކްސްޕޯގެ ސަސްޓެއިނަބިލިޓީ ޑިސްޓްރިކްޓްގައެވެ. އަދި ރާއްޖޭގެ ޕެވިލިއަން ހަދާފައި ވަނީ އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ ތާރީޚާއި، ޘަޤާފަތާއި، ގުދުރަތީ ދިރުންތަކާއި، ކެއުންތަކާއި އަދި އާރޓްސް، ވިޜުއަލް އާރޓްސްގެ ޒަރީއާއިން ތަޖުރިބާކޮށްލެވޭ ގޮތަށެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަންކޮށް އުންމީދީ މުސްތަޤްބަލަކަށް އެދި ޒަމާނުއްސުރެ އަދި މިހާރުވެސް ރާއްޖެއިން ވަކާލާތު ކުރަމުންގެންދާ މަސައްކަތްތައްވެސް ރާއްޖޭގެ ޕެވިލިއަންގެ ތީމުގެ ތެރޭގައި ހިމަނާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާ އަނބިކަނބަލުން ފަޒްނާ އަޙްމަދު، ޔޫ.އޭ.އީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ދުބާއީ އެކްސްޕޯ 2020ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.