އިންޑިއާ އިން އިތުރު 100،000 ޑޯޒްގެ ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފި

20 ފެބުރުއަރީ 2021 - 13:12

އިންޑިއާއިން ރާއްޖެއަށް ކޮވިޝީލްޑް ވެކްސިންގެ އިތުރު 100,000 ޑޯޒް ހަދިޔާކޮށްފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެން، ރަމްޒީކޮށް ވެކްސިން ވަނީ ދިވެހި ސަރުކާރާ ހަވާލުކޮށްފަ އެވެ.

ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް އެވެ.

އިންޑިއާއިން ވަނީ މީގެކުރިން ވެސް ރާއްޖެއަށް އެއް ލައްކަ ޑޯޒް ހަދިޔާކޮށްފަ އެވެ. އަދި މިހާރު ރާއްޖޭގައި ދެމުން އަންނަނީ ވެސް އެ ވެކްސިންނެވެ. އެއީ ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގައި އުފައްދާ އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލް ވެކްސިން އެވެ.

ނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖަހަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ހުއްދަ ދިނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މިހާތަނަށް ރާއްޖޭގައި 64،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފަ އެވެ.

ޗައިނާ އިން ވެސް ރާއްޖެއަށް 100،000 ޑޯޒް ހަދިޔާކުރަން ވަނީ ނިންމައިފަ އެވެ. އެއީ ސައިނޯފާމް ވެކްސިނެވެ. މީގެ ކުރިންވެސް، ހެޔޮ އެދޭ ފަރާތަކުން ވަނީ ރާއްޖެއަށް 5000 ޑޯޒްގެ ސައިނޯފާމް ވެކްސިން ހަދިޔާކޮށްފަ އެވެ. ނަމަވެސް އަދި އެ ވެކްސިން ދޭން ފަށާފައި ނުވެ އެވެ.

ސަރުކާރުން ވަނީ ވެކްސިންގެ އިތުރު 700،000 ޑޯޒް ގަންނަން އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް އެކުލަވާލާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.