ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން ހުޅުވައިދެއްވައިފި

24 އޮކްޓޯބަރ 2021 - 6:56

 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް،ކުޅުދުއްފުށި ސިޓީގައި ތަރައްޤީކޮށްފައިވާ ފުޓްބޯޅަދަނޑު ރަސްމީގޮތުން ހުޅުވައިދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ދަނޑު ހުޅުވައިދެއްވީ ކުޅުދުއްފުށި ސިޓީގައި މިކަމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައެވެ. އަދި ދަނޑު ހުޅުވުމަށްފަހު ޤައުމީ ޓީމާ ކުޅުދުއްފުށީގެ ޒުވާނުންގެ ޓީމެއް ބައްދަލުކުރި އެކުވެރިކަމުގެ ފުޓްބޯޅަ މެޗްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މި މެޗް 6 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ ޤައުމީ ޓީމެވެ.

ކުޅުދުއްފުށި ސިޓީގެ ކުރީގެ ފުޓްބޯޅަ ދަނޑު ޓާފް އަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައި ވާއިރު، ދަނޑުގެ ސަބްބޭސް ގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރު.ކޭ.އެލް ގުރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. އަދި ޓާފް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމަންޓާއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުޅުދުއްފުށި ސިޓީއަށް ކުރައްވާ މި ދަތުރުފުޅަކީ ޒުވާނުންގެ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބެރިވެރިވެ ވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާ ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.