ކޯސްޓްގާޑުގެ ހިދުމަތް ވަރުގަދަ ކުރަން ޖަޕާނުން 3.7 މިލިއަން ޑޮލަރުގެ އެހީއެއް

18 ފެބުރުއަރީ 2021 - 14:02

ރާއްޖޭގެ ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ)ގެ ހިދުމަތް ވަރުގަދަ ކުރަން ޖަޕާނު ސަރުކާރުން 3.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭން ނިންމައިފި އެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އާއި ގުޅިގެން ޖަޕާނު ސަރުކާރުން ވަނީ ރާއްޖޭގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ހިދުމަތް ވަރުގަދަ ކުރުމުގެ ގޮތުން 3.7 މިލިއަން ޑޮލަރުގެ (57 މިލިއަން ރުފިޔާ) އެހީއެއް ދިނުމަށް އެއްބަސްވެފަ އެވެ.

ޖަޕާނުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި އެވެ. ޔޫއެންއޯޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކްރައިމް ޕްރިވެންޝަން އެންޑް ކްރައިމް ޖަސްޓިސް އޮފިސާ މަސަމޯޓޯ ޔަމަގޫޗީ އެވެ. އެ ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ އެހީ ޖަޕާނުން ފޯރުކޮށްދޭނީ ތިން އަހަރަށް ބަހާލެވިގެން ކުރެވޭ މަސައްކަތްތަކަކަށެވެ. ފުރަތަމަ އަހަރު އެހީ ފޯރުކޮށްދޭނީ، އެމްއާރްސީސީގެ އާ އިމާރާތުގެ ހަތަރު ފަންގިފިލާ އެޅުމަށެވެ. އޭގެ ތެރޭގައި ޓްރެއިނިން ފެސިލިޓީތަކާއި ލައިބްރަރީއެއް ހިމެނެ އެވެ.

ދެވަނަ އަހަރާއި ތިން ވަނަ އަހަރު ފައިސާ ހަރަދު ކުރަން ނިންމާފައި ވަނީ ސާޗް އެންޑް ރެސްކިއު މެރިޓައިމް ލޯ އެންފޯސްމެންޓް ޓްރެއިނިން ޕްރޮގްރާމުތަކަށެވެ. ކޯސްޓްގާޑުގެ އިތުރުން ކަމާ ބެހޭ އެހެން މުއައްސަސާތަކުންވެސް އެ ޓްރެއިނިންތަކުގައި ބައިވެރިވާނެ އެވެ.

މިދިޔަ ނޮވެމްބަރު މަހުވެސް ޖަޕާނުން ވަނީ ކޯސްޓްގާޑުގެ ހިދުމަތް ވަރުގަދަ ކުރުމަށް އެމްއާރްސީސީއަށް ބޭނުންވާ މުއާސަލާތީ ވަސީލަތްތަކާއި، ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ ޑައިވިން ގިއަރު ގަތުމަށް 7.6 މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.