ރައީސުލްޖުމްހޫރިއްޔާ އދ. އޮމަދޫ ކައުންސިލާ ބައްދަލުކުރައްވައިފި

14 އޮކްޓޯބަރ 2021 - 13:11

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލުން ވަނީ މިއީ އެ ކައުންސިލްގެ ތާރީޚުގައިވެސް ރައީސަކާ ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފުރުޞަތުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުކުރެއްވުމުގައި އދ. އޮމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި އެކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މިގޮތުން ކައުންސިލުން އެންމެ ބޮޑަށް ފާހަގަކުރައްވާފައި ވަނީ ރަށުގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. އަދި، ހަމައެއާއެކު ރަށުގެ ބޮޑުބައެއް ގިރަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވެފައިވާއިރު ވެސް ނަރުދަމާގެ ޚިދުމަތް ނުފެށި ލަސްވެފައިވާ މައްސަލައާއި، ކުޅިވަރު ކުޅުމަށް ބޭނުންވާ ވަޞީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި ޞިއްޚީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ބޭނުންވާކަމުގައި ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ޞިއްޙީ މަރުކަޒެއް ޢިމާރާތްކުރުމުގެ މަސައްކަތް ބަޖެޓުކުރެވިފައިވާކަމަށާއި، މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުންދާކަމުގައި ވިދާޅުވެފައެވެ.