ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާބެހޭ ބެހޭ ގަވައިދަކަށް އަމަލު ކުރަން ފަށައިފި

18 ފެބުރުއަރީ 2021 - 7:24

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއި ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާބެހޭ ގޮތުން އެންވަޔަރަންމަންޓު މިނިސްޓްރީން އެކުލަވާލި ގަވައިދަކަށް އަމަލު ކުރަން ފަށައިފި އެވެ.

"ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ނަމުގައި އެކުލަވާލައި އިއްޔެ ގެޒެޓު ކުރި އެ ގަވައިދަކީ ތިމާވެށި ރައްކާތެރި ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރޭތަކެއްޗާ ބެހޭ އުސޫލުތައް ހިމެނޭ ގަވައިދެކެވެ.

ހިމާޔަތްކުރާ ތަކެއްޗަށް މެނޭޖްމަންޓް ޕްލޭން ހެދުމާއި، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ލިސްޓެއް އެކުލަވާލުމާއި، ހިމާޔަތް ކުރާ ދިރޭތަކެތި ބަލަހައްޓާ ތަންތަން ރަޖިސްޓްރީ ކުރުމާއި އެތަކެތީގެ ދިރާސާކުރުމާބެހޭ އުސޫލުތައް އެ ގަވައިދުގައި ހިމެނެ އެވެ. އޭގެ އިތުރުން ހިމާޔަތްކޮށްފައިވާ ތަކެއްޗާމެދު ގަވައިދާ ހިލާފަށް އަމަލު ކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައްވެސް އެ ގަވައިދުގައި ވެއެވެ.

އެ ގަވައިދުގައިވާ ގޮތުން، ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭއެއްޗަކަށް ގޯނާކޮށްފިނަމަ ނުވަތަ އެފަދަ އެއްޗެހީގެ ހާއްޔާއި، ނިދާ ތަންތަނާއި، ބިސް އަޅާ ތަންތަނާއި، ވިހާ ތަންތަނަށް ގެއްލުން ދީފި ނަމަ 30،000 ރުފިޔާއާ 50،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެފަދަ ދިރޭއެއްޗަކާ މެދު އަމަލުކުރުމަށް އެ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފުވެއްޖެނަމަ 30،000 ރުފިޔާއާ 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ރާއްޖޭގެ މާހައުލަށް ނޭޓިވް އަދި ރާއްޖެއަށް ހިޖުރަކުރާ ދިރޭތަކެތީގެ ތެރެއިން ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތި ކަނޑައެޅުމުގައި ބަލާނެ މިންގަނޑެއް، އެ ގަވާއިދަށް އަމަލުކުރަން ފަށާތާ އެއް އަހަރު ތެރޭގައި އެންވަޔަރަމެންޓް މިނިސްޓްރީން އެކުވާލަން ޖެހޭނެ ކަމަށް ވެސް އެ ގަވައިދުގައިވެ އެވެ.