ސްޓެލްކޯއިން އީކުއަލް ޕޭމެންޓް ޕްލޭން ތައާރަފްކޮށްފި

17 ފެބުރުއަރީ 2021 - 14:58

ކަރަންޓު ބޭނުން ކުރާ ނިސްބަތުގެ އެވަރޭޖަށް ބަލައި، ކޮންމެ މަހަކުވެސް އެއް އަދަދަކުން ފައިސާ ދެއްކޭނެ ގޮތަށް، "އީކުއަލް ޕޭމަންޓް ޕްލޭން" ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ތައާރަފްކޮށްފިއެވެ.

ހަމައެކަނި އާންމު ގޭބިސީތަކަށް ބައިވެރިވޭ ގޮތަށް ތައްޔާރުކޮށްފައިވާ މިޕްލޭންގައި ބައިވެރިވުމުގެ ފުރުސަތު ގޭގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ނަމަ ކުއްޔަށް ހިފައިގެން އުޅޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. ކަސްޓަމަރާއި ސްޓެލްކޯއާ ދެމެދު ހަދާ އެއްބަސްވުމެއްގެ ދަށުން ޕްލޭނަށް އެދި ފޯމު ހުށަހެޅުމުން ޕްލޭންގެ ޚިދުމަތް ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

އަންގާރަ ދުވަހު ބޭއްވި ޚާއްޞަ ހަފްލާއެއްގައި މި ޕްލޭން ތައާރަފްކޮށްފައިވާއިރު، މި ޕްލޭނަށް އެދި ހުށަހަޅާއިރު ވޭތުވެދިޔަ ހުރިހާ މަސްތަކެއްގެ ބިލުތަކަށް ފައިސާ ހުންނަން ވާނީ ދައްކާފައެވެ.

ސްޓެލްކޯގެ މި އައު ޕްލޭންގެ ދަށުން އަލަށް ބޭނުން ކުރާ ކަރަންޓެއް ނަމަ އެތަނެއްގެ ކުޑަބޮޑު މިނާއި ބޭނުންކުރާ ތަކެތީގެ ލޯޑާއި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުގެ އެވްރޭޖަށް ބަލާއިރު، ބޭނުން ކުރަމުންދާ ކަރަންޓެއް ނަމަ ބަލަނީ ފާއިތުވެދިޔަ 12 މަސް ދުވަހު ކަރަންޓު ބޭނުންކޮށްފައިވާ މިންވަރުގެ އެވްރޭޖަށެވެ.

މިޕްލޭނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވަނީ ބޭރު ގައުމުތަކުގައި މިފަދަ ޕްލޭންތައް މިހާރުވެސް ބޭނުންކުރަމުންދާކަމަށް ވިދާޅުވެ، ވޭތުވެދިޔަ ދެ އަހަރު ކަސްޓަމަރުންގެ ފަރާތުން ލިބުނު ފީޑްބެކަށް ބަލާއިރު، ކަސްޓަމަރުން މިފަދަ ޕްލޭނެއް ބޭނުންވާކަމަށް ފާހަގަވެފައިވާ ކަމަށް ވިދާޅުވެފައެވެ.