ދުބާއީ އެކްސްޕޯ 2020 ގައި ދިވެހިރާއްޖެއިން ބައިވަނީ

10 އޮކްޓޯބަރ 2021 - 4:46

މި އަހަރުގެ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ، ވޯލްޑް އެކްސްޕޯ، "އެކްސްޕޯ 2020 ދުބާއީ" ގައި، ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ ފަސް އަހަރަކުން އެއްއަހަރު ކުރިއަށް ގެންދާ، ވޯލްޑް އެކްސްޕޯ އަކީ، އެންމެ ގިނަދުވަސްވީ އަދި އެންމެ ބޮޑު ބައިނަލްއަޤްވާމީ އެގްޒިބިޝަންއެވެ. ވޯލްޑް އެކްސްޕޯ ތަކަކީ، ސަރުކާރުތަކާއި ބޮޑެތި ކުންފުނިތަކާއި، ބައިނަލްއަޤްވާމީ ޖައްމިއްޔާތަކާއި، އާއްމުން ގުޅުވާލަދީ، ރިސާރޗް އާއި އިނޮވޭސަން މެދުވެރިކޮށް، ދުނިޔެއަށާއި އާބާދީތަކަށް އިންގިލާބީ ހެޔޮ ބަދަލުތަށް ގެނެއުމަށް މަގުފަހި ކުރުމުގެ ބޭނުމުގައި، 1851 ވަނަ އަހަރުން ފެށިގެން ބާއްވަމުން ގަންދާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ.

                 'ކަނެކްޓިންގ މައިންޑްސް، ކްރިއޭޓިންގ ދަ ފިއުޗަރ' މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2020 ދުބާއީ" ގެ އަމާޒަކީ، އިންގިލާބީ އީޖާދުތަކާއި ތަފާތު ހިޔާލުތައް، އެއްތަނަކުން ދައްކުވައިދީ، މި ހިޔާލާއި ވިސްނުމުގެ ތެރެއިން، އިންސާނިއްޔަތަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް މަގުފަހި ކޮށްދިނުމެވެ. މިފަހަރު ބޭއްވޭ ވޯލްޑް އެކްސްޕޯ 2020 ހާއްސަ ވެގެން ދާ އެއްސަބަބަކީ، މިއީ، މިފަދަ އެކްސްޕޯއެއް، މެދު އިރުމަތީގައި ބޭއްވިގެންދާ ފުރަތަމަ ފަހަރަށް ވުމެވެ.

                 އެކްސްޕޯ 2020 ގެ ދިވެހިރާއްޖޭގެ ޕެވީލިއަންގައި، ދިވެހިރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދްރަތީ މަންޒަރުތަކުގެ އިތުރުން، ދިވެހިރާއްޖެ މިއަދާއި ހަމަޔަށް ކޮށްފައިވާ ތަރައްޤީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތް، މުޅި ދުނިޔެއަށް ދައްކާލެވިގެންދާނެއެވެ.

 ދިވެހިރާއްޖޭގެ ޕެވިލިއަން ޤާއިމްކުރެވޭނީ، އެކްސްޕޯ 2020 ގެ ތިން ޑިސްރިކްޓްގެ ތެރެއިން، 'ސަސްޓައިނަބިލިޓީ' މި ޑިސްޓްރިކްޓް ގައެވެ. މި ޕެވިލިއަން މެދުވެރިކޮށް، ދިވެހިރާއްޖޭގެ ސަގާފީ ކުޅިވަރުތަކާއި ދިވެހި ޒުވާނުންގެ ރީތި މިއުޒިކީ ހަރަކާތްތަކާއި ސަގާފީ ނެޝުންތަކާއި ފަންނުވެރިކަން މުޅި ދުނިޔެއަށް ދައްކާލުމުގެ ފުރުސަތު ހުޅުވިގެން ދާނެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރެވިފައިވާ 25 މިލިއަން މީހުންގެ ތެރެއިން ގިނަބަޔަކަށް، ދިވެހިރާއްޖޭގެ މި ހަރަކާތްތަށް، ފެނިގެން ދިއުމަކީ ސަރުކާރުގެ އަމާޒެވެ.

                މީގެ އިތުރުން، ދިވެހި އުފެއްދުންތެރިންގެ އަމިއްލަ އުފެއްދުންތައް، ދުނިޔޭގެ އެކިއެކި ގައުމުތަކުގެ އުފެއްދުންތަށް ވިއްކުމަށް ހާއްސަކުރެވޭ، ވޯލްޑް މާރކެޓުން ލިބެން ހުންނާނެއެވެ. މި އެކްސްޕޯ ހިނގަމުންދާ މުއްދަތުގައި، ދިވެހި ސަރުކާރުން، ތަފާތު ދާއިރާތަކަށް އަމާޒުކޮށް، އިންވެސްޓްމަންޓް ފޯރަމްތަކާއި، ޙާއްސަ އިވެންޓުތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމް ތަކާއި އިވެންޓްތަކުގައި، ދިވެހިރާއްޖޭގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތައް ބޭރުގެ އިންވެސްޓަރުންނަށް ހުށައެޅިގެން ދާނެއެވެ.

އެކްސްޕޯގެ ބައިވެރިއެއްގެ ހައިސިއްޔަތުން، ދިވެހިރާއްޖޭގެ އޮނަރ ޑޭ ގެ ގޮތުގައި ފާހަގަ ކުރުމަށް ޚާއްޞަކުރެވިފައިވާ ދުވަހަކީ، 25 އޮކްޓޫބަރ 2021 އެވެ. އެ ދުވަހު ދިވެހިރާއްޖޭގެ އޮނަރ ޑޭ ފާހަގަކުރުމުގެ ޚާއްޞަ ހަފްލާގެ އިތުރުން، މުޅި އެކްސްޕޯގެ ސައިޓުގައި ދިވެހިރާއްޖޭގެ އެކިއެކި ސަގާފީ ހަރަކާތްތަށް ފެނިގެންދާނެއެވެ.  

                1 އޮކްޓޫބަރ 2021 ގައި ފެށޭ، އެކްސްޕޯ 2020، ހަ މަސް ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި އެކްސްޕޯގައި 200 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާނެއެވެ. އެހެންކަމުން، މިއީ އެކްސްޕޯ އަށް ޒިޔާރަތް ކުރަށްވާ ކޮންމެ ފަރާތަކަށް އެއް ތާކުން ދުނިޔޭގެ ހުރިހާ ޤައުމެއްގެ މިއުޒިކް، ސަގާފަތް، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އީޖާދުތަކާއި އިނޮވޭޝަން، ތަޖުރިބާކޮށްލަން ލިބޭ ވަރަށް ރަގަޅު ފުރުސަތެކެވެ.

               25 މިލިއަންއަށް ވުރެ ގިނަ މީހުން މި އެކްސްޕޯއަށް ޒިޔާރަތް ކުރާނެކަމަށް ލަފާކުރާއިރު، މީގެ ތެރެއިން 70 އިންސަތަ ވާނީ، އެކްސްޕޯ ބޭއްވޭ ޔުނައިޓަޑް އަރަބް އެމިރޭޓްސްއަށް ނިސްބަތް ނުވާ، ބައިނަލްއަޤްވާމީ ވިޒިޓަރުން ކަމަށާއި، އެކްސްޕޯ 2020 ދުބާއީ އަށް ދުވާލަކު 300،000 މީހުން ޒިޔާރަތް ކުރާނެ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

                ހަފްތާއެއްގެ ރަސްމީ ބަންދު ދެ ދުވަސް ފިޔަވައި، ކޮންމެ ދުވަހަކުވެސް ހެނދުނު 10:00 އިން ރޭނގަޑު 10:00 އަށް އެކްސްޕޯ ހުޅުވިފައި ހުންނާނެއެވެ. ހަފްތާ ބަންދު ދެ ދުވަހު، ހެނދުނު 10:00 އިން ދަންވަރު 02.00 ޖަހަން ދެން ހުޅުވިފައި ހުންނާނެއެވެ. 18 އަހަރުނުވާ ކުޑަކުދިންނަށާއި، ކިޔަވާ ކުދިންނަށާއި، ދުވަސްވީ މީހުން އަދި ޕީޕަލް ވިތް ޑިޓާމިނޭޝަން (ނުކުޅުދެންތެރިކަން ހުރި މީހުން) އެކްސްޕޯ 2020 އަށް ޓިކެޓް ނުނަގައި ޒިޔާރަތް ކުރެވޭ ގޮތަށް، އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ވަނީ ހަމަޖައްސާފައެވެ. 

               އެކްސްޕޯ 2020 ގައި ރާއްޖެ ބައިވެރިވުމުގެ އިންތިޒާމުތައް ކުރިޔަށް ގެންދަނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ބެލުމުގެ ދަށުން، މިނިސްޓްރީ އޮފް ޓޫރިޒަމް އާއި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭސަން ކޯޕަރޭސަން އަދި ސަރުކާރުގެ އެކިއެކި އިދާރާތަކުގެ ބެއިވެރިވުމާއި އެކުގައެވެ.