ރައީސް ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބައްލަވާލައްވައިފި

9 އޮކްޓޯބަރ 2021 - 4:05

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗު ބައްލަވާލައްވައިފިއެވެ. މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައިވަނީ ބަންގްލަދޭޝްއާއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށް ދާ މި މުބާރާތުގައި މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި މި ކުޅެވުނު މެޗަކީ މި މުބާރާތުގެ ހަވަނަ މެޗެވެ. މި މެޗުން 2 ލަނޑު 0 ލަނޑުން ކުރިހޯދާ މޮޅުވެފައި ވަނީ ރާއްޖޭގެ ޓީމުންނެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމާއި، އ.ދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ ނ.ޢ.ޢ.ވ ޢަބްދުﷲ ޝާހިދާއި، ބައެއް ކެބިނެޓް މެންބަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސް ވެރިން ދަނޑަށް ވަޑައިގަތެވެ. މީގެ އިތުރުން ދިވެހި ގިނަ ސަޕޯޓަރުން ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވިއެވެ.

މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.