ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ އެންމެ މުހިންމު އެއް މަސައްކަތަށް ހަދަންޖެހޭ- ރައީސް

7 އޮކްޓޯބަރ 2021 - 5:34

ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަކީ، ޤައުމިއްޔަތު ޙިމާޔަތްކުރުމުގެ އެންމެ މުހިންމު އެއް މަސައްކަތަށް ހަދަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ވާހަކަފުޅު ކުރިޔަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ މާޙައުލީ ނިޒާމު، އޭގެ ޠަބީޢީ ހާލަތަށް އިޢާދަކޮށްދިނުމަކީ އޭގެ މައްޗަށް ދިވެހިންގެ ދިރިއުޅުމާއި އަދި އިޤްތިޞާދުވެސް ބިނާވެފައިވާ ކަމެއްކަން ފާހަގަކުރައްވައި އެ މަސައްކަތުގައި އައު އަޒުމަކާއެކު ތެދުވުމަށް ހުރިހާ ދިވެހިންނަށް އިލްތިމާސް ކުރައްވާފައެވެ.

ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތަކީ ޤައުމިއްޔަތު ހިމާޔަތްކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތަށްވާ ސަބަބު ބަޔާންކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބައެއްގެ މެދުގައި ޤައުމިއްޔަތެއް ދެމިއޮންނާނީވެސް އަދި ޤައުމިއްޔަތު ރައްކާތެރިކޮށް، ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީވެސް، އެޤައުމެއް މިބިންމަތީގައި ވުޖޫދުވެ އޮވެގެންކަން ފާހަގަކުރައްވާފައެވެ. އެގޮތުން ތިމާވެށީގެ މައްސަލަތަކަކީ ރާއްޖޭގެ ދެމިއޮތުމަށް އެންމެބޮޑަށް ނުރައްކާކުރާ މައްސަލަކަން ފާހަގަކުރައްވައި އެ ބިރުވެރި މަންޒަރު މިހާރުގެ ޢިލްމީ ހަޤީޤަތްތަކުން ވެސް ފެންނަން އެބައޮތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ ތާރީޚު ލިޔަމުންދާއިރު އަޅުގަނޑުމެންނަށް މިއަދު ހުއްޓި މިތިބެވެނީ، ތިމާވެށީގެ ކުރިމަތީގައި ޖެހުނު މޫސުމީ ބަދަލުތަކުގެ ފުލުސްޓޮޕަކަށް. މިހާ ހިސާބުން ރާއްޖޭގެ ތާރީޚު އިތުރަށް ލިޔެ ފުރިހަމަކުރާނީތޯ، ނުވަތަ އެފުލުސްޓޮޕާއެކު ތިމާވެށީގެ ޝިކާރައަކަށްވެ ނިމިގެންދާން ދޫކޮށްލާނީތޯ، އެއީ މިޖީލުގެ ދިވެހިން ޖަވާބަކާ މެދު ވިސްނަންޖެހިފައިވާ އެންމެ ވަރުގަދަ ސުވާލު." ތިމާވެށީގެ މައްސަލައިގެ ނާޒުކުކަން ހާމަކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މޫސުމަށް އަންނަބަދަލުތަކާ ދެކޮޅަށް މިހާރުން މިހާރަށް މަސައްކަތްފެށުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ޖީލަކީ މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުޞަތު ލިބޭ، އެންމެ ފަހު ޖީލަށްވުމަކީ ވެސް އެކަށީގެންވާ ކަމެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ޙިއްޞާ ކުޑަ ނަމަވެސް މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އަދި ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކެއްކޮށް އަދި އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީވެސް ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ޤައުމުތަކަށްކަމުގައި ވިދާޅުވިއެވެ. އަދި މިކަންކަމުން ދޭހަކޮށްދެނީ ވަކިވެގެން އުޅުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިފައިވާ މިފަދަ ކަންކަމުގައި ހުރިހާ ޤައުމުތަކެއް އެކުގައި އެއް ޢާއިލާއެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާއި ޚާއްޞަކޮށް މޫސުމަށް އަންނަ ބަދަލުތަކަށް ހޭލުންތެރިކަން އިތުރުކުރުމާއި އެކަމަށް ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މައިދާންތަކުގައި އެންމެބޮޑަށް އަޑު އުފުލަމުންދާ އަދި މިކަމުގައި ކުދި އަދި ބިންތިރި ޖަޒީރާ ޤައުމުތަކުގެ ޙައްޤުގައި އެންމެ އިސް ސަފުގައި ވަކާލާތުކޮށް އަޑުއުފުލަމުންދާ އެއް ޤައުމެވެ.