ހުޅުމާލޭގައި ސްޓެލްކޯގެ ވޯކްޝޮޕެއް

5 އޮކްޓޯބަރ 2021 - 9:37

"ސްޓެވޯ" ގެ ނަމުގައި ސަރުކާރުގެ ކުންޏެއް ކަމަށްވާ، ސްޓެލްކޯއިން ވޯކްޝޮޕެއް ހުޅުވައިފިއެވެ.

މި ވޯކްޝޮޕް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް، ރޭގައި ހުޅުމާލޭގައި ބޭއްވެވި ހަފްލާއެއްގައެވެ.

ރޭގެ އިވެންޓްގައި ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ ވިދާޅުވެފައިވަނީ އިލެކްޓްރިކް ކާރު ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯގައި އެސެމްބަލް ކުރުމުގެ ވިސްނުން ސްޓެލްކޯއިން ގެންގުޅޭކަމަށެވެ. އަދި މިވިސްނުމަކީ ރާއްޖޭގެ މާހައުލަށް އެންމެ ވިހަ ގޭސްތައް ދޫކުރަމުންދަނީ އެކި ޒާތުގެ ވެހިކަލްތަކުން ކަމަށްވާތީ، ރާއްޖޭގެ ތިމާވެއްޓަށް އެންމެ ރަނގަޅު އެއް ބާވަތައް އިލެކްޓްރިކް ވެހިކަލް ވާނެތީ ކަމަށެވެ.

މި ވޯކްޝޮޕަކީ ޕަވާ ޖެނަރޭޝަން ހިދުމަތްތަކާއި ޕަވަރ ސިސްޓަމް ޑިޒައިނިން އެންޑް ކޮމިޝަނިން އަދި ޖެނަރޭޓަރު އެސެމްބްލް ކުރުމާއި އަދި ސާވިސް ކުރުމާއި ގުޅޭ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ލިބޭ ތަނެކެވެ. މިއީ ސްޓެލްކޯއަކީ ޔުޓިލިޓީ ކުންފުންޏަކަށްވުމާއެކު ޕްރޮޖެކްޓުތަކާއި އަދި ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި ހިމެނިގެން ކުރާ ކަންކަމެވެ. ނަމަވެސް ވިޔަފާރި އުސޫލުން މި ހިދުމަތްތައް ސްޓެލްކޯއިން ދޭން މިފެށީ އަލަށެވެ.