ރައީސުލްޖުމްހޫރިއްޔާ ފ. މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައިފި

3 އޮކްޓޯބަރ 2021 - 13:04

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިއަދު ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލާ ބައްދަލުކުރައްވައި ސަރުކާރުން ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ކުރިއެކޭވެސް އެއްގޮތަށް ކައުންސިލުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވެއްޖެއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. މިގޮތުން، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެތެރޭގައި ރަށުގައި އެއަރޕޯޓެއް އެޅުމާއި، ރަށަކީ ޔުނިވަރސިޓީއެއް ހިންގާ ރަށަކަށްވުމާއިއެކު ރަށުގެ ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެގޮތް ހެދުމުގެ މުހިންމުކަމާއި، އޭޓީއެމްއެއް ޤާއިމުކުރުމުގެ މުހިންމުކަމާއި، ސްކޫލްގައި ލައިބްރަރީއެއް ޤާއިމުކުރުމާއި، ފުޓްސަލް ދަނޑުގެ މަސައްކަތާއި، ކައުންސިލްގެ ބަޖެޓްގެ ދަތިކަމާ ގުޅޭ ވާހަކަތައް ހިމެނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މަގޫދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި ހަމަޖެއްސެވެން ހުރި ކަންކަން ހަމަޖައްސަވާނެކަމުގައި ވިދާޅުވެފައެވެ. މިގޮތުން، ޓަރފް ދަނޑުގެ މަސައްކަތާއި ޞިއްޙީ ޚިދުމަތް ހަރުދަނާކުރުމުގެ މައްސަކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ކުރިޔަށް ގެންދަވާނެކަމަށާއި، ރަށުގައި ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ބިން ހިއްކުރުމުގެ މަސައްކަތުގެ ފަހުގެ މަޢުލޫމާތު އެމަނިކުފާނު ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަލީމް ބައިވެރިވެވަޑައިގެންނެވިއެވެ.