ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިސްރާފު ކުޑަކުރުމަށް ނައިބު ރައީސް އިލްތިމާސް ކުރައްވައިފި

2 އޮކްޓޯބަރ 2021 - 14:03

ދިރިއުޅުމުގެ ހުރިހާކަމެއްގައިވެސް އިސްރާފު ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އިލްތިމާސްކުރެއްވީ މިރޭ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އިން ބޭއްވި "އެކުވެރި އެމް.ޑަބްލިއު.އެސް.ސީ" ނެޓްވާރކިން ޑިނަރ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެފަދަ ކުޑަޖަޒީރާ ޤައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުންހިންގައި އެބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭކަން ފާހަގަކުރެއްވިއެވެ. އެގޮތުން ޚާއްޞަކޮށް ފެންއިސްރާފުނުކުރުމާއި އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިސްރާފުތައް ކުޑަކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެމް.ޑަބްލިއު.އެސް.ސީ.އާ އަދި ސަރުކާރު ހިއްޞާވާ އެހެން ކުންފުނިތަކުންވެސް އެކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ރައްޔިތުންނަށް ބޭނުންވާ އެކިކަންކަމާއި މީހުން ބިނާކުރުމާއި އަދި ރައްޔިތުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރުންފަދަ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންގެންދާކަން ފާހަގަކުރައްވައި ކުންފުނިތަކުގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މީގެ ތެރޭގައި ވަރަށް ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި މަސައްކަތްތައް ކުރިޔަށްގެންދަވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކިތަންމެ ކުޑަ މަސައްކަތެއް ކަމުގައިވިޔަސް އެއީ ރައްޔިތުންގެ ފަސޭހައަށް ކުރެވޭ ކަންތައްތައް ކަމުގައިވާތީ އެފަދަ ކަންކަމުގައިވެސް ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރަމުން ގެންދެވުމަށް އެދިވަޑައިގަންނަވާފައެވެ.

އެމް.ޑަބްލިއު.އެސް.ސީ. އާއެކު އެހެންކުންފުނިތަކުން ބާއްވަމުންގެންދާ ގާތްގުޅުން ދަމަހައްޓައި ކުންފުނިތަކުގެ ވެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ ގޮތުން އެ ކުންފުނިން މިރޭ ބޭއްވި މި ޙަފްލާގައި ސަރުކާރާއި ސަރުކާރު ޙިއްޞާވާ އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.