ހިންމަފުށީ އައު ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފި

30 ސެޕްޓެމްބަރ 2021 - 14:31

ދައުލަތުގެ ކުންފުނި ކަމަށްވާ މޯލްޑިވްސް ޓްްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އިން ކުރިއަށްގެންދާ ކ. ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، އައު ހާރބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތްކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ހިންމަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢަކީ 25.8 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން، 28،760 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 38 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 287 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ހަމަ މި މަޝްރޫޢުގެ ދަށުން، 172 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 772 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފައިވެއެވެ.