ހިޔާ ފްލެޓަށް ކަރަންޓްލާން އޮންލައިންކޮށް ރަޖިސްޓްރީކުރެވޭގޮތަށް ހަމަޖައްސައިފި

29 ސެޕްޓެމްބަރ 2021 - 15:07

ހިޔާ ފްލެޓް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހިދުމަތައް ރަޖިސްޓަރ ކުރުމަށްފަހު، އެކި ސަބަބުތަކާއި ހެދި ކަނެކްޝަން ނުލިބިވާ ފަރާތްތަކަށް ކަނެކްޝަނަށް އެދޭނެ އިންތިޒާމް ސްޓެލްކޯއިން ހަމަޖައްސައިފިއެވެ.

އެ ކުންފުނިން އަންގަނީ ހިޔާ މަޝްރޫއުގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ސްޓެލްކޯގެ ހިދުމަތަށް އެދި އެގްރީމަންޓް ހަދާފައިވަނީ 6106 ފަރާތަކުން ކަމަށެވެ. އަދި މީގެ ތެރެއިން 5828 ފްލެޓެއްގެ ވެރިފަރާތުން ވަނީ އެގްރީމަންޓުގައި ސޮއެކޮށްފައި ކަމަށާއި މިވަގުތާ ހަމަޔަށް ހިޔާ ފްލެޓްތަކުގެ ތެރެއިން ސްޓެލްކޯ އާއެކު ސޮއެކޮށްފައިވާ 95 އިންސައްތަ ކަސްޓަމަރުންނަށް ވަނީ ކަނެކްޝަން ގުޅާ ދެވިފައި ކަމަށެވެ. އަދި މީގެ އިތުރުން، އެގްރީމަންޓުގައި ސޮއި ކުރުމަށްފަހު އެކި ސަބަބުތަކާއި ހެދި ކަސްޓަމަރަށް ހާޒިރު ނުވެވިގެން، ކަނެކްޝަން ދެވިފައިނުވަނީ 280 ފަރާތަކަށް ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ. އެއީ އެގްރީމަންޓު ހެދި ފަރާތްތަކުގެ 5 އިންސައްތަ ކަމަށާއި މި ފަރާތްތަކަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އޮންލައިންކޮށް ކަނެކްޝަނަށް އެދެވޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖެހިފައި ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.

ހިޔާ ފްލެޓުތަކަށް ކަރަންޓު ހޯދުމަށް އޮންލައިންކޮށް ރިކުއެސްޓް ލިންކު: https://www.stelco.com.mv/hiyaa-connection-request