ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް އެޗްޑީސީން ކުރިއަށް ގެންދިޔަ “އީޖާދީ މަންސަ” އިން މޮޅުވި ފަރާތަކަށް ލިޔުން ހަވާލުކޮށްފި

28 ސެޕްޓެމްބަރ 2021 - 7:38

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުޅުމާލޭގައި އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމުގެ މަޤްޞަދުގައި "އީޖާދީ މަންސަ"ގެ ނަމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުގެ ފަރާތުން އިންތިޒާމުކޮށް ހުޅުވާލެވުނު ފުރުޞަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް މިއަދު ވަނީ އެކަން ފާހަގަކޮށް ސެޓިފިކޭޓް ހަވާލުކޮށްފައެވެ. އެ ކޯޕަރޭޝަނުގެ އެގްޒިބިޝަން ސެންޓަރުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް ލިޔުން ހަވާލުކުރެއްވީ  އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އާތިފުއެވެ.

'އިޖާދީ މަންސަ' އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އަލަށް ފަށާފައިވާ ވިޔަފާރިތަކަށް ޚާއްޞަކޮށްގެން އަމިއްލަ އުފެއްދުންތަކާއި އައު ޚިދްމަތްތަކުގެ އީޖާދީ ޚިޔާލުތައް ހުށަހެޅުމުގެ އިތުރުން މި މުބާރާތުގެ ސަބަބުން މުޖްތަމަޢުގެ ގިނަ އަފްރާދުންގެ ބައިވެރިވުމާއި ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު، މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ "ކޯވިޑް-19" ގެ ޢާލަމީވަބާގެ ސަބަބުން، ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރު ކުޑަކޮށް، ޢާއްމު އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމުގެ ގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް އެފަދަ ވިޔަފާރިތަކަށް އިތުރު ފުރުޞަތުތަކެއް ފަހިކޮށްދިނުމަކީ މިފަދަ މުބާރާތެއް ހިންގުމުގެ މައިގަނޑު އެއް މަޤްޞަދުކަމުގައި އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

ގޭގައިކުރާ (ހޯމް-ބޭސްޑް) ވިޔަފާރިތަކަށް އަދި އޮންލައިން ވިޔަފާރިތަކަށާއި، އަދި މުޅިން އަލަށް ވިޔަފާރިއެއް ފެށުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށްވެސް "އީޖާދީ މަންސަ" ގެ ނަމުގައި ހިންގުނު މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވައިލުމުން ޖުމްލަ 36 ފަރާތަކުން ވަނީ ޕްރޮޕޯސަލް ހުށަހަޅާފައެވެ. އަދި  5 ކެޓަގަރީކަމަށްވާ (ކާބޯތަކެތި، ފަންނު، ދުޅަހެޔޮ، ވައްޓަފާޅި އަދި ޚިދުމަތް) ކޮންމެ ކެޓަގަރީއަކުންވެސް 1 ވަނަ އަދި 2 ވަނަ ފަރާތެއް ހޮވަން ހަމަޖެހިފައިވާއިރު، މާކްސް ލިބުނު އަދަދުތަކަށް ބަލާ ޖުމްލަ 9 ފަރާތެއް ވަނީ ހޮވިފައެވެ. 

އަދި މި ފަރާތްތަކަށް އެޗްޑީސީން ކަނޑައަޅައި ވަކި މުއްދަތަކަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި "ހިޔާ" މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ ފުލެޓުތަކުގެ ތިރީ ބުރިން 550 އަކަފޫޓު ހިމެނޭ ވިޔަފާރި ޔުނިޓްތަކެއް ޙަވާލުކުރެވިގެންދާނެއެވެ. މީގެތެރޭގައި، މުބާރާތުގައި ހިމެނޭ ކޮންމެ ކެޓަގަރީއަކުން 1 ވަނައަށް ހޮވޭ ފަރާތްތަކާ ޙަވާލުކުރެވޭ ޔުނިޓްތަކަކީ، އެއްވެސް ކުއްޔަކާ ނުލައި 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ޙަވާލު ކުރެވޭ ޔުނިޓުތަކެކެވެ. އަދި 2 ވަނައަށް ހޮވޭ ފަރާތްތަކަށް ޙަވާލުކުރެވޭ ޔުނިޓުތަކަކީ، އެއްވެސް ކުއްޔަކާ ނުލައި 6 (ހައެއް) މަސް ދުވަހުގެ މުއްދަތަށް ޙަވާލު ކުރެވޭ ޔުނިޓުތަކެކެވެ. މިއީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި ތަރައްޤީ ކުރުމަށްޓަކައި ލިބިގެންދާނޭ ރަނުގެ ފުރުޞަތެއް ކަމުގައި އެ ކުންފުނިން ފާހަގަ ކުރިއެވެ.