ފުލުހުން މާރަންދޫގައި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފި

27 ސެޕްޓެމްބަރ 2021 - 15:53

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުގެ ފަރާތުން ހއ. މާރަންދޫގައި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޕްޓެމްބަރު މަހުގެ 23 ން 25 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްތަކަކީ އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުންނާއި މާރަންދޫ ކައުންސިލް އިދާރާ އާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އާއި މާރަންދޫ މަމްސް ޖަމިއްޔާ ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ.

އެގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން ވަނީ މާރަންދޫ ސްކޫލު އަމާޒުކޮށްގެން ކުލާހެއް ކުރިއަށް ގެންގޮސްފައެވެ. މާރަންދޫ ސްކޫލުގެ ގްރޭޑް 7 ން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުން ބައިވެރިވި މި ކުލާހުގައި ދަރިވަރުންގެ އަހުލާގާއި ސުލޫކު ބައްޓަންކުރަންވީ ރިވެތި ގޮތާއި ރައްކާތެރިގޮތުގައި މީސްމީޑިއާ ބޭނުންކުރާނެ ގޮތުގައި މައުލޫމާތު ދީފައިވެއެވެ. އަދި ސައިބަރ ކްރައިމްގެ މައްސަލަތަކަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދީފައިވެއެވެ. ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި މާރަންދޫ ސްކޫލުގެ ގްރޭޑް 7، 8،9 އަދި 10 ގައި ތައުލީމު ހާސިލްކުރަމުންދާ 53 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގެ އިތުރުން ބެލެނިވެރިންނަށް ސެޝަންތަކެއް ކުރިއަށް ގެންގޮސްފައިވާއިރު މި ސެޝަންތަކުގައި ވަނީ ކުޑަކުދިންގެ އަދުލުގެ ގާނޫނާ ގުޅޭގޮތުންނާއި ދަރިން ތަރުބިއްޔަތު ކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައެވެ. އަދި ރިވެތި ސިފަތައް ބުނެދީ، ސިފަތައް ދަސްކޮށްދިނުމަށް ހާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައިވާއިރު، މި ސެޝަންތަކުގައި 95 ބެލެނިވެރިން ބައިވެރިވެފައިވެއެވެ.

މައުލޫމާތު ދިނުމަށް ހިންގި ސެޝަންތަކުގެ އިތުރުން ފުލުހުން ވަނީ މާރަންދޫގައި ޕެޓްރޯލްކޮށް، މާރަންދޫގެ ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމުގެ އިތުރުން އެރަށުގައި ދުއްވާ އުޅަނދުތައް ބަލައިފާސްކޮށްފައެވެ. އުޅަނދުތައް ބަލައިފާސްކުރުމަށް ހިންގި ހަރަކާތުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތަކުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަވެފައިވޭތޯ ބެލުމުގެ އިތުރުން ޓްރެފިކް އެހެނިހެން ވައިލޭޝަންތައް ބަލާފައިވެއެވެ.

މާރަންދޫގައި ތިން ދުވަހަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން މާރަންދޫގައި ހުރި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި އެރަށު ސްކޫލުގެ ބެލެނިވެރިންނަށް ހާއްސަކޮށްގެން ޓީމް ބިލްޑިންގ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމުގެ އިތުރުން އެރަށުގައި ހުރި މުއައްސަސާތަކުން އެކުލަވާލި ޓީމަކާއި ފުލުހުންގެ ޓީމާ ދެމެދު އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފައިވެއެވެ.