ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރަން 14 ބީމެއް ދޫކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

15 ފެބުރުއަރީ 2021 - 13:07

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރަން 14 ބީމެއް ދޫކުރުމަށް ކެލާ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހއ. ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރަން 14 ބީމެއް ދޫކުރުމުގެ އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މުހައްމަދު ޚުއްސާންއެވެ. އަދި ކެލާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އާދަމް ޤުފްރާންއެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއާއި، ކެލާ ދާއިރާގެ މަޖިލިސް މެންބަރ އިބްރާހިމް ޝަރީފް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ، މިއީ ކެލާ ކައުންސިލްގެ ފުރިހަމަ އެއްބާރުލުމާއެކު ކުރިއަށްގެންދެވޭ މަޝްރޫއެއްކަމަށެވެ. މިކަމުގެ ސަބަބުން ކެލައަށް އަދި މުޅި އެ ސަރަހައްދަށް އިޤްތިޞާދީގޮތުންނާއި އެހެންގޮތްގޮތުން މަންފާ ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކެލާ ކައުންސިލްގެ ރައީސް އާދަމް ޤުފްރާން ވިދާޅުވީ، މި މަޝްރޫއާއެކު ކެލާގައި ވަޒީފާގެ ފުރުސަތު އިތުރުވެ، ރަށަށް ބަދަލުވާން ބޭނުންވެފައިވާ އާއިލާތަކަށް އެ ފުރުސަތު ލިބިގެންދާނެކަމަށެވެ. އަދި އުއްމީދަކީ މިމަހުގެ ތެރޭގައި ބިންތައް ބިޑް ކުރުމަށް ހުޅުވާލެވިގެން ދިއުންކަމަށް އޭނާ ވިދާޅުވިއެވެ.

ކެލާ ކައުންސިލާއި ޓޫރިޒަމް މިނިސްޓްރީއާއި ދެމެދު ސޮއިކޮށްފައިވަނީ ކެލާގައި ފަތުރުވެރިކަން ތަރައްޤީކުރަން 14 ބީމެއް ދޫކުރުމަށެވެ. މީގެތެރޭގައި ހިމެނެނީ ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކުރާ 5000 އަކަފޫޓުގެ 12 ބިމާއި، ސިޓީ ހޮޓާ ތަރައްޤީކުރަން ދޫކުރާ 10000 އަކަފޫޓުގެ 2 ބިމެވެ.

ކެލާ ކައުންސިލްގެ އަމާޒަކީ ކެލާގެ ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރުވާ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެރަށުގައި ފަތުރުވެރިކަމުގެ 400 އެނދު ތަރައްގީ ކުރެވޭގޮތަށް ކަންކަން ފަހިކޮށް ދިނުމެވެ.