މާލޭގައި މޯބައިލް ވެކްސިނޭޝަން ތަޢާރަފްކޮށްފި

15 ފެބުރުއަރީ 2021 - 10:26

ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖެހުމަށް ކުރާ މަސައްކަތުގެ ދަށުން، މާލޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތަޢާރަފުކޮށްފިއެވެ. ރާއްޖޭގައި މޯބައިލް ވެކްސިނޭޝަންގެ ޚިދުމަތް ތަޢާރަފުކޮށްފައިވަނީ އެޗް.ޕީ.އޭއާއި، ދަމަނަވެއްޓާއި، ދިވެހި ރެޑް ކްރެސެންޓް ގުޅިގެންނެވެ.

ރެޑް ކްރެސެންޓުންގެ ޓީމްތައް ގޭގައަށްގޮސް ޢުމުރުން ދުވަސްވީ މީހުންނަށާއި، އެނދުމަތިވެފައިވާ މީހުންނަށް ވެކްސިން ޖެހުމުގެ މަސައްކަތް މި ޙިދުމަތުގެ ދަށުން ކުރާނެކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެއެވެ. މި ޚިދުމަތަށް ރަޖިސްޓްރީވާން ޖެހޭނީ ދަމަނަވެށި މެދުވެރިކޮށެވެ.

މިމަހުގެ 5ވަނަ ދުވަހުން ފެށިގެން ރެޑް ކްރެސެންޓްގެ ދަރުމަވެރިން ސޯޝަލް ސެންޓަރުގައި ރަޖިސްޓްރޭޝަންގެ ކަންކަމުގައާއި ޢުއުމުރުން ދުވަސްވީ މީހުންނާއި އެކި ބަލިތަކަށް ފަރުވާކުރާ މީހުންނަށް އެހީތެރިވުމަށް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ދިމާވެދާނެ އެމަރޖެންސީ ޙާލަތަކަށް ތައްޔާރުވުމުގެގޮތުން އެމްބިއުލާންސްގެ ޚިދުމަތްވެސް ފޯރުކޮށްދެމުންދާކަމަށްވެސް ރެޑް ކްރެސެންޓުން ބުނެއެވެ.