މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަ: ރައީސް

21 ސެޕްޓެމްބަރ 2021 - 5:53

މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ މި ޖީލަށް ކުރިމަތިވެފައިވާ އެންމެބޮޑު މައްސަލަކަމަށާއި، އެމައްސަލައަކީ ބައިނަލްއަޤްވާމީގޮތުން އެންމެ އިސްކަމެއްދެވޭ މައްސަލައެއްގެ ގޮތުގައި ދެމިއޮތުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އ.ދ.ގެ މައި އިދާރާގައި މިއަދު ބޭއްވި އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްގެ "ކްލައިމެޓް މޮމެންޓް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ކްލައިމެޓް މޮމެންޓް" ބައްދަލުކުރެއްވުމަކީ، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ޚާއްޞަ ދައުވަތެއް ލިބިވަޑައިގަންނަވާ ދުނިޔޭގެ މަދު ލީޑަރުންކޮޅެއްގެ މެދުގައި ބޭއްވެވި ބައްދަލުކުރެއްވުމެކެވެ. މި ބައްދަލުކުރެއްވުން އޮތީ އ.ދ.ގެ މައި އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުއެޅުމާއި، ވިލުންތެރިކަން އިތުރުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމަށް ފައިސާ ހޯދުންފަދަ ކަންކަން އެކަށީގެންވާ ގޮތެއްގައި ކުރިޔަށްދިއުމުގައި ހުރި ހުރަސްތައް ފަދަ މަޢުޟޫޢުތަކުން ހުށަހެޅުނު ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމުގެ މުހިންމުކަން ކުދި ޖަޒީރާ ޤައުމުތަކުން އެންމެ ފުރަތަމަ ވަކާލާތު ކުރަންފެށިއިރު، އެއީ ހާސިލު ކުރެވިދާނެ ވަރުގެ ލަނޑުދަނޑިއެއްކަން ފާހަގަ ކުރެއްވިއެވެ. އެހެންނަމަވެސް ދުނިޔޭގެ އެވަރެޖް ފިނިހޫނުމިން މިހާރުވެސް 1.1 ޑިގްރީ ސެލްސިއަސްއަށް އަރާފައިވުމާއި، ކުރިއަށް އޮތްތާނގައި ދުނިޔެ އިތުރަށް ހޫނުވަމުން ދިއުމުގެ ސަބަބުން 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމުގެ ފުރުޞަތު މިހާރު ހަނިވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވަނީ، ޕެރިސް އެގްރިމެންޓުގައި ކަނޑައަޅާފައިވާ 1.5 ޑިގްރީ ސެލްސިއަސްގެ އަމާޒަށް ވާސިލުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިއުމަށް ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކަށް ގޮވައިލައްވާފައެވެ. މިގޮތުން، ޖައްވު ހޫނުކުރާ ވިހަ ގޭސްތައް ބޭރުކުރާ މިންވަރު އަވަސް މުސްތަޤުބަލެއްގައި މަދުނުކޮށްފިނަމަ ޕެރިސް އެގްރިމެންޓްގެ ބޭނުން ނެތިދާނެކަމުގެ ބިރު އެބަ އޮތްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޕެރިސް އެގްރިމެންޓް ބިނާވެފައި އޮތީ އަމިއްލައަށް ޒިންމާދާރު ފިޔަވަޅު އަޅަމުން ގެންދިއުމަށް ކަމުގައިވިޔަސް، އެކަން އަމަލުން ނުފެންނަ ކަމަށާއި، އެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަމާޒާ ގާތަށްވެސް ވާސިލްވެވިފައި ނުވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ މިންވަރު މިހާރާ އަޅައިބަލާއިރު ހަތަރު ބައިކުޅަ އެއްބަޔަށް މަދުކުރުމަށް ކުރަމުންދާ މަސައްކަތްތައް ކަނޑައަޅާފައިވާ ގޮތުގެމަތިން ކުރިއަށްދާ ކަމުގައި ވިދާޅުވިއެވެ. ކަން މިހެން އޮތް ނަމަވެސް، 2030 އާ ހަމައަށް އަންނަ އިރު ރާއްޖެއިން ނެޓް ޒީރޯ ހާސިލު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު ހާސިލުކުރެވިދާނެ ލަނޑުދަނޑިއެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކްލައިމެޓް ފައިނޭންސްގެ ދެ ބައިކުޅަ އެއްބައި ނަމަވެސް މިހާރުން މިހާރަށް ބޭނުންކުރަން ފަށަންޖެހިފައިވާކަމަށް އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ގޮވައިލައްވާފައިވާކަން ފާހަގަ ކުރައްވަމުން، މިފަދަ މަޝްރޫޢުތަކަކީ އަގުބޮޑު އަދި ނަފާކުޑަ މަޝްރޫޢުތަކެއް ކަމަށާއި، އެހެންކަމުން އެފަދަ މަޝްރޫޢުތަކަށް ބޭނުންވާ ރައުސުލްމާލު ހަމަޖެއްސުމަކީ ގޮންޖެހުން ބޮޑުކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރެއްވިއެވެ.

މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ބައިނަލްއަޤްވާމީ ފައިނޭންޝަލް އިންސްޓިޓިއުޝަންތަކާއި މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި ފައިސާގެ އެހީ ފޯރުކޮށްދޭ މަލްޓިލެޓްރަލް ސިސްޓަމްތަކުގެ ޤާބިލުކަން އިތުރުކުރެވިދާނެ ގޮތްތަކުގެ މައްޗަށް ތަފްސީލުކޮށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި އެމަނިކުފާނު ވަނީ، ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ޤައުމުތަކަށް ގްރީން ކްލައިމެޓް ފަންޑުގެ ތެރެއިން އެހީތެރިވެދޭނެކަމުގެ ޔަޤީންކަން، ތަރައްޤީވެފައިވާ ޤައުމުތަކުން ދިނުމަށް ބާރު އަޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ. ހަމައެއާއެކު، ޖީ20 ޤައުމުތަކުން ފޮސިލް ފިއުލް ސަބްސިޑީއާ ގުޅިގެން ނިންމާފައިވާ ނިންމުމަކީ ކުރިޔަށްއޮތް ކޮޕް-26 ސަމިޓަށް ރަނގަޅު ފާލެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވައިލައްވަމުން، ކުދި ޤައުމުތަކަށް އެޤައުމުތަކުގެ ކްލައިމެޓް ޕްލޭން ތަންފީޒުކުރުމުގައި ފައިނޭންޝިއަލް އިންސްޓިޓިއުޝަންތަކާއި މަލްޓިލެޓްރަލް ބޭންކުތައް މެދުވެރިކޮށް އެޑެޕްޓޭޝަންގެ މަޝްރޫޢުތަކަށް ބޭނުންވާ މިންވަރަށް ރައުސުލްމާލު ޚަރަދުކުޑަކޮށް ހަމަޖެހޭގޮތަށް ކަންކަން ފަހިވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.