ހަފްތާއެއްތެރޭ ފަތުރުވެރިކަމުގެ ދާއިރާގެ 500 އަށްވުރެ ގިނަ މީހުންނަށް ވެކްސިންދީފި

13 ފެބުރުއަރީ 2021 - 15:52

ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓްލައިންގައި މަސައްކަތްކުރާ 500 އަށްވުރެ ގިނަ މުވައްޒަފުންނަށް ކޯވިޑް ވެކްސިން ޖަހައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކޯވިޑް-19 ވެކްސިން ދޭން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކޯވިޑް19 ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަކީ ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށްވުމާއި ރާއްޖެ އަންނަ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށްވުމުގެ ސަބަބުން މިމަހުގެ 4 ވަނަ ދުވަހުން ފެށިގެން މި ދާއިރާގެ މުވައްޒަފުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކަށް ވެކްސިން ދޭންފެށި ފުރަތަމަ ހަފްތާގައި ވަނީ 562 ފަރާތަކަށް ވެކްސިން ދީފައެވެ. މީގެތެރޭގައި އެންމެ ގިނައިން ވެކްސިން ޖަހާފައިވަނީ އެއަރޕޯޓްގައި މަސައްކަތްކުރާ ރެޕުންނެވެ. އެއަރޕޯޓްގައި މަސައްކަތްކުރާ 259 ރެޕުން މިހާތަނަށް ވެކްސިން ޖަހާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެއިތުރުން ސަފާރީތަކުގައި މަސައްކަތްކުރާ 93 މުވައްޒަފަކާއި، ރިސޯޓްތަކުން 35 މުވައްޒަފަކާއި، ގްރޭޓަރ މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކުން 38 މުވައްޒަފަކާއި، މާފުށި ގެސްޓްހައުސްތަކުން 93 މުވައްޒަފަކު ވަނީ މިހާތަނަށް ވެކްސިން ޖަހާފައެވެ. މީގެއިތުރުން މިއުޒީޝަނުންގެ ތެރެއިން 32 މީހަކާއި، 5 ޓްރެވެލް އެޖެންޓަކާއި، އެއަރޕޯޓްގައި މަސައްކަތްކުރާ ޓޫރިޒަމް މިނިސްޓްރީގެ 7 މުވައްޒަފަކަށްވެސް ވެކްސިން ޖަހާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް 20000 ވެކްސިން ޑޯޒް ވަނީ ޙާއްސަކޮށްފައެވެ. ކޮންމެ މީހަކުވެސް ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރަންޖެހޭއިރު މިއީ 10000 މުވައްޒަފުންނަށް ބޭނުންކުރެވޭނެ ވެކްސިންއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ގާތްގަނޑަކަށް 51000 މުވައްޒަފުން ދަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުންނެވެ. އަދި އުންމީދަކީ ވީއެންމެ އަވަހަށް ހުރިހާ މުވައްޒަފުންނަށް ވެކްސިން ދިނުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.