އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭ: ނައިބު ރައީސް

16 ސެޕްޓެމްބަރ 2021 - 7:10

އަންހެނުންގެ ބައިވެރިވުން ސިޔާސީ މައިދާނުގައި ދުވަހެއް ދުވަހަކަށް އިތުރުކުރުމަށް މަސައްކަތް ކުރަންޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމާ، އިލެކްޝަންސް ކޮމިޝަނުގެ ކުރިޔަށްއޮތް 5 އަހަރުގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުޞަތުތައް ކުރިޔަށްވުރެ ފުޅާވެގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރާއިރު އދގެ 76ވަނަ ސެޝަނުގެ ރިޔާސަތާ ރާއްޖޭގެ ފޮރިންމިނިސްޓަރ ޢަބުދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާފައިވާކަން ފާހަގަކުރައްވައި މިއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ބޮޑެތި ޤައުމުތަކުގެ ކުރިމަތީގައި ވެސް ރާއްޖެއަކީ މުހިންމު ޤައުމެއްކަން ރަމްޒުކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާ އަޤްލަބިއްޔަތަށް ތަބާވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ހަފުލާގައި އެ ކޮމިޝަނުގެ 2021 އިން 2025 އަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އޭގެ އިތުރުން މި ހަފުލާގައި އެ މަނިކުފާނު ވަނީ އިލެކްޝަންސް ކޮމިޝަނަށް ދިގުމުއްދަތެއްގައި ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް އެ ކޮމިޝަނުންދޭ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

މި ހަފުލާގައި އިލެކްޝަންސް ކޮމިޝަނުގެ ތަފާސް ހިސާބު ޕޯޓަލްވެސް އިފްތިތާޙްކޮށްފައިވެއެވެ. މި ޕޯޓަލްއަކީ ނިމިދިޔަ އިންތިޚާބުތަކުގެ ތަފާސް ހިސާބުތައް އެއްތަނަކުން ފެންނަގޮތަށް ތައްޔާރުކޮށްފައިވާ ޕޯޓަލްއެކެވެ.