މަކަރާއި ހީލަތުގެ މައްސަލަތަކަށް ހޭލުންތެރިކުރުމަށް ގއ. އަތޮޅުގެ ތިން ރަށެއްގައި ޕްރޮގްރާމެއް ހިންގައިފި

15 ސެޕްޓެމްބަރ 2021 - 9:29

މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މައްސަލަތައް އިތުރުވަމުންދާތީ އެފަދަ ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ގއ. އަތޮޅުގެ ތިން ރަށެއްގައި ވިޔަފާރިވެރިންނާއި ރައްޔިތުންނަށް މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ސެޕްޓެމްބަރ 13 ވަނަ ދުވަހު ގއ.ކޮލަމާފުށި ޕޮލިސް ސްޓޭޝަނާއި ގއ.ދާންދޫ ޕޮލިސް ސްޓޭޝަން އަދި ގއ. ނިލަންދޫ ޕޮލިސް ޑެސްކުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެތިން ރަށުގައި ހުރި ފިހާރަތަކަށާއި ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަން ދިނުމާއި އެފަދަ ކޯލުތަކަށް ޖަވާބުދާރީ ނުވުމަށާއި މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ގޯތި ގެދޮރާއި މުދަލުގެ ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅުތަކާއި، ކުށް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އޭގެ އިތުރުން ވިޔަފާރި ކުރާތަންތަނަށް ޒިޔާރަތްކޮށް ސައްހަނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން ވިޔަފާރިކުރާ މައްސަލަތައް އިތުރުވަމުންދާތީ އެކަންކަމަށް ސަމާލުކަންދިނުމަށާއި ރާސްޓަސް އާއި ރީލޯޑް ކުރުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި 18 އަހަރުން ދަށުގެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލު ކުރާތަކެތި ނުވިއްކުމަށާއި ފިހާރަތަކުން ވައްކަން ކުރުން ހުއްޓުވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ވިޔަފާރި ބަންދުކޮށްފައިދާއިރު ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން، ފިހާރަ ތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މުހިއްމުކަމާއި،  ވިޔަފާރި ބަންދުކޮށްފައި ދާއިރު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށާއި ފިހާރަ ރަގަޅަށް ތަޅުލެވިފަ ހުރިތޯ ބެލުމަށާއި ފައިސާ ގެންގުޅުމުގައި ސަމާލުކަންދޭންވީ ކަންކަމާއި ގުޅޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.