މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

13 ފެބުރުއަރީ 2021 - 10:15

މ. މުލަކުގައި މިފްކޯގެ ޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މުލަކުގައި ހަދާ މިފްކޯގެ ޕޯޓަކީ ފިޝަރީޒް މިނިސްޓްރީން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިންނަށް މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި މިފްކޯއާ ގުޅިގެން ހިންގަން ނިންމާފައިވާ މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއެކެވެ.

އެގޮތުން އެމްޓީސީސީއާ ހަވާލުކުރީ މުލަކުގަައި ގާއިމްކުރާ ވަސީލަތްތަކަށް ބޭނުންވާ ކޯސްޓަލް އަދި ސިވިލް އިނފްރާސްޓްރަކްޗާގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު (ސީއޯއޯ) ޝާހިދު ހުސައިން މޫސާއެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 56.1 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. މި މަޝްރޫއުތަކަށް ހަރަދު ކުރުމަށް ހަމަޖެހިފައިވަނީ ހަތަރު އަހަރަށް ބަހާލައިގެން ޑިފާޑް ޕޭމަންޓް އުސޫލުން ސަރުކާރުގެ ބަޖެޓުންނެވެ.

މި މަޝްރޫއުގެ ދަށުން، 22،240 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 8،640 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން ހިމެނެ އެވެ. އަދި 160 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 68.90 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ އިތުރުން 3،200 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

އޭގެ އިތުރުން 27 ބޮލާޑް ހަރުކުރުމާއި 16 ފެންޑާ ހަރުކުރުމާއި 11 ހާބަރު ލައިޓް ހަރުކުރުމާއި ދެ ނެވިގޭޝަން ލައިޓް ހަރުކުރުން ވެސް މި މަޝްރޫއުގެ ދަށުން ހިމެނެ އެވެ.