ފެލިވަރުގައި މަސް ޕްރޮސެސްކުރާ ކާރުޚާނާ އަކާއި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރަނީ

11 ސެޕްޓެމްބަރ 2021 - 3:07

ޅ.ފެލިވަރުގައި މަސް ޕްރޮސެސްކުރާ އިތުރު ކާރުޚާނާއަކާއި ކޯލްޑް ސްޓޯރޭޖެއް ޤާއިމުކުރުމަށް އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ޕްރީކޮލިފިކޭޝަން މަރުޙަލާ ވަނީ އެބޭންކުގެ ފަރާތުން ފަށާފައެވެ. މި މޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސް ކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފް ރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާ އި، ފިޝްމީލް ޕްލާންޓަކާއި، އައިސް ޕްލާންޓަކާއި މި ކަންކަމާ ގުޅޭ އެހެނިހެން ވަޞީލަތްތައްވެސް ފެލިވަރުގައި ޤާއިމުކުރެވިގެންދާނެއެވެ. އަދި މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމުކުރެވިގެންދާނެއެވެ.

މިއަދު ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަ ތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގައި ބާނާ ގިނަ ޢަދަދެއްގެ މަސް، ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރުމުން އެ މަހުން ލިބޭ އާމްދަނީ ދަށްވުންކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއްވިއެވިއެވެ. އެހެންކަމުން މިކަމަށް އަލިމަގެއް ހޯދައި، މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޕްރޮސެސްކުރުމަށް ފަހު ބޭރުކުރާ މަހުގެ މިންވަރު އިތުރުކުރުމެވެ. މިގޮތުން މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ކެޕޭސިޓީ ދެގުނައަށް ވުރެ ބޮޑުތަން އިތުރުވެގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރޭނެ މަގުފަހިކުރުމީވެސް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ސިޔާސަތެއްކަމަށް މިނިސްޓރްރީން ބުންޏެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި މަސްވެރިންނަށް ތަކުލީފަކާ ނުލާ މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައި ސަރުކާރުން ދެކެއެވެ. މިކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ. އެހެންކަމުން މި މަޝްރޫޢުގެ ދަށުން ޤާއިމުކުރެވޭ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި ފްރީޒިންގ ފެސިލިޓީތަކުގެ ސަބަބުން މިކަންކަމަށްވެސް ވަރަށް ބޮޑު ޙައްލެއް ލިބިގެންދާނެއެވެ.