ރ. އަލިފުށީގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑްގައި ކުރިޔަދޭ: ކައުސިލް

9 ސެޕްޓެމްބަރ 2021 - 2:58

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. އަލިފުށީ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއެކު މިރޭ އެ ރަށުގައިިި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ސަރުކާރުން އަލިފުށީގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ވަރަށް ބާރު ސްޕީޑުގައި ކުރިޔަށްދާކަމަށާއި، އަލިފުށީގެ ތާރީޚުގައިވެސް މިހާ ގިނަ މަޝްރޫޢު މީގެކުރިން ކުރިޔަށް ގޮސްފައި ނުވާކަން ކައުންސިލުން ފާހަގަ ކުރެެއްވިއެވެ. އަދި މަޝްރޫޢުތަކުގެ މަސައްކަތް ބާރަށް ކުރިޔަށްދާތީ ރައްޔިތުން ތިބީ ވަރަށް އުފަލުންކަމުގައި ކައުންސިލުން ފާހަގަކުރައްވައިފައިވެއެވެ.

އަލިފުށީ ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، އެ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެބޭފުޅުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގައި ގެދޮރު އެޅުމުގައި ދިމާވާ ދަތިތަކަށް ޙައްލެއް ހޯއްދަވައިދެއްވުމަށާއި، އަލި ފުށީ ހޮސްޕީޓަލްގެ މަސައްކަތް ލަސްވާތީ ހުރި ކަންބޮޑުވުންތަކުގެ އިތުރުން އަލިފުށީގައި ކޮމިއުނިޓީ ސެންޓަރެއް ޤާއިމުކުރުމަށް ބޭނުންވުން ހިމެނެއެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިން ވަނީ މަސައްކަތްކުރާނެ އޮފީހެއް ނެތުމުން ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަލިފުށީގައި ކުރިޔަށްގެންދާ މަޝްރޫޢުތަކާ ބެހޭ ފަހުގެ މަޢުލޫމާތުތައް އެބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ އަލިފުށީގައި މިޑް ރޭންޖްގެ 30 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރުމަށް ނިންމަވާފައިވާކަމަށާއި، ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ހިންގާ އެކި އެކި ލޯނު ސްކީމާ ބެހޭ މަޢުލޫމާތު ކައުންސިލާ ހިއްސާކުރައްވާފައެވެ. އަދި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ ފަރާތްތަކާއި އެކު މަޝްވަރާކޮށްގެން މައްސަލަތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ މުސާރަ އިތުރުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށާއި، އެ ކޮމިޓީއިން ހުށަހަޅާފައިވާ ކަންކަމުގައި ސަރުކާރުން ކޮށްދެވެން އޮތްކަންކަމަކީ ކޮބައިތޯ ބައްލަވައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ރ.އަލިފުށްޓަަށް ކުރައްވަމުން މިގެންދަވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް ބައިވެރިވެވަޑައިގަންނަވައެވެ.