ހުޅުދޫ ބަނދަރުގެ މަސައްކަތުގެ 68 އިންސައްތަ ނިމިއްޖެ

8 ސެޕްޓެމްބަރ 2021 - 7:10

ސ އަތޮޅު ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިފައި ވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަސައްކަތް ތާވަލް އާއި އެއްގޮތަށް ކުރެވެމުން އަންނަ ކަމަށާއި، މަޝްރޫއުގެ ދަށުން، މިހާރުކުރިއަށް ދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 624 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 742 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.

އަދި 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 65.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.