ޖަޕާން ސަރުކާރުން މާމެންދޫ ސްކޫލާއި އަނގޮޅިތީމު ސްކޫލަށް ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
11 ފެބުރުއަރީ 2021 - 11:45
ޖަޕާންސް ގްރާންޓް އެސިސްޓެންސް ފޯރ ގްރާސްރޫޓް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (GGP) ގެ އެހީގައި ޖަޕާން ސަރުކާރުން ގއ. މާމެންދޫ ސްކޫލާއި ރ. އަނގޮޅިތީމު ސްކޫލް އަޕްގްރޭޑް ކުރުމަށްޓަކައި 2،793،209.64 (ދެމިލިއަން ހަތްސަތޭކަ ނުވަދިހަ ތިންހާސް ދުއިސައްތަ ނުވަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ގެ އެހީއެއް ދެއްވައިފި އެވެ.
މި އެހީގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ޚާއްސަކޮށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ، ހަރ އެކްސެލެންސީ ޔަނާއީ ކެއިކޯ (H.E Yanai Keiko) ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މީގެ އިތުރުން ޖަޕާން އެމްބަސީގެ އޮފިޝަލުންނާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިތުރުން، ފޮރިންގ މިނިސްޓްރީގެ އޮފިޝަލަކުވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.
ގއ. މާމެންދޫ ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ވާރޗުއަލްކޮށް ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އަލްފާޟިލް އާޒިމް ޢަބްދުﷲއެވެ. ޖަޕާން ގެ ފަރާތުން ސޮއިކުރެއްވީ އެމްބެސެޑަރ ހަރ އެކްސެލެންސީ ޔަނާއީ ކެއިކޯ އެވެ.
ރ. އަނގޮޅިތީމު ސްކޫލްގެ ފަރާތުން އެހީގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް، އަލްފާޟިލް އަޙްމަދު ޢަބްދުﷲ އެވެ. މި އެއްބަސްވުމުގައި ޖަޕާން ގެ ފަރާތުން ސޮއިކުރެއްވީ އެމްބެސެޑަރ ހަރ އެކްސެލެންސީ ޔަނާއީ ކެއިކޯ އެވެ.
ކޮންމެ ސްކޫލަކަށް ވެސް އެހީގެ ގޮތުގައި 1,396,604.82 (އެއް މިލިއަން ތިން ސަތޭކަ ނުވަދިހަ ހަހާސް ހަ ސަތޭކަ ހަތަރު ރުފިޔާ އަށްޑިހަ ދެ ލާރި) ލިބިފައިވެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކުގައި ބިނާ ކުރާ ޢިމާރަތްތަކުގެ މަސައްކަތް ކުރިއަށްދާނީ ސްކޫލްތަކާއި ޖަޕާން އެމްބަސީއާއި ގުޅިގެންނެވެ.
ވޭތުވެދިޔަ އަހަރު ތަކުގައިވެސް ޖަޕާނުން ވަނީ ސްކޫލްތައް އަޕްގްރޭޑް ކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްބެސެޑަރ ކެއިކޯ ވިދާޅުވިގޮތުގައި ކުރިއަށް އޮތްތާވެސް ޖަޕާން ސަރުކާރުގެ ފަރާތުން ރާއްޖޭގެ ސްކޫލްތަކަށް މިފަދަ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި މިއީ ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށްވެސް އެމްބެސެޑަރ ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން މި ރަސްމިއްޔާތުގައި ވާހަކަފުޅު ދެއްކެވި ޕާރމަނަންޓް ސެކްރެޓަރީ އަޙުމަދު ޢަލީ ވަނީ ޖަޕާނުން މި ދެއްވި ދީލަތި އެހީތެރިކަން ފާހަގަކޮށް، ޖަޕާން އެމްބަސީއަށާއި ޖަޕާނުގެ ސަރުކާރަށް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވާފަ އެވެ.