އެކްސަރސައިޒް ލެންޓަރން މެޓަލް އަކީ ރާއްޖެއާއި އެމެރިކާޔާ ދެމެދު ޒަމާނުއްސުރެ އޮންނަ ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއް: މިނިސްޓަރ މާރިޔާ

4 ސެޕްޓެމްބަރ 2021 - 9:12

ދިވެހި ޤައުމީ ދިފާޢީ ބާރާއި އެމެރިކާގެ އަސްކަރިއްޔާއިން ގުޅިގެން ކުރިއަށް ގެންދާ އެކްސަރސައިޒް ލެންޓަރން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިންގ އެކްސަރސައިޒް ނިންމުމުގެ ރަސްމިއްޔާތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ހުކުރުދުވަހު ހަވީރު، ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައި ބޭއްވި މިރަސްމިއްޔާތުގައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޔޫ.އެސް އާރމްޑް ފޯރސަސް ކޮންޓިންޖަންޓުގެ ޓީމް ކޮމާންޑަރ ކެޕްޓަން ބެންޖަމިން ޒެއިސް އާއި ކޮންޓިންޖަންޓުގެ އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި އެކަމަނާ ވަނީ، އެކްސަރސައިޒް ލެންޓަރން މެޓަލް އަކީ ދިވެހިރާއްޖެއާއި އެމެރިކާޔާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއްކަން ފާހަގަކުރައްވައި، ދެޤައުމުގެ ދެމެދުގައި މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވަރކް އެގްރީމެންޓުގެ ސަބަބުން ދިފާޢީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް ވިދާޅުވެފައެވެ.

އެކްސަރސައިޒް ލެންޓަރން މެޓަލްގެ ދަށުން އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމުންވަނީ އެމްއެންޑީއެފްގެ ޖުމްލަ 36 ސިފައިން ތަމްރީނުކޮށްދީފައެވެ.

މި ޖޮއިންޓް އެކްސަރސައިޒްގައި ދަސްކޮށްދިން މުހިންމު ހުނަރުތަކުގެ ތެރޭގައި ކޮމްބެޓް މާރކްސްމަންޝިޕް، ކައުންޓަރ-އައި.އީ.ޑީ އަދި މެރިޓައިމް އިންޓަރޑިކްޝަން އޮޕަރޭޝަންސް ހިމެނެއެވެ.

މީގެ އިތުރުން، މި އެކްސަރސައިޒްގައި ހިއުމަން ރައިޓްސްގެ ބައެއް ހިމަނާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް އަޙައްމިއްޔަތުކަން ދެއްވާތީއާއި، ދިވެހި ޤައުމީ ދިފާޢީ ބާރު "ޑިމޮކްރަޓައިޒް" ކުރުމަށް މަސައްކަތްކުރަމުން ގެންދާތީ، ސިފައިންނަށް ހިއުމަން ރައިޓްސްގެ ރޮނގުން ޢިލްމާއި ހޭލުންތެރިކަން ދިނުމަކީ ވަރަށް މުހިންމު ކަމެއްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، މިދިޔަ ބުރާސްފަތިދުވަހު، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ދިން ބޮމުގެ ޙަމަލާތަކުގައި މިދުނިޔެ ދޫކުރި އެމެރިކާގެ ސިފައިންނާއި ޒަޚަމްވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

އަދި 2004 ވަނަ އަހަރު އަފްޣާނިސްތާނުން ފާސްކުރި ޤާނޫނު އަސާސީން އެޤައުމުގެ އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި، ރައްކާތެރިކޮށްދީ، ފޯރުކޮށްދިނުމަށް، އެޤައުމުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އުންމީދުކުރައްވާކަމަށް އެކަމަނާވަނީ ވިދާޅުވެފައެވެ.