ވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ނުކުރެވޭފަދަ ބޮޑަތި މަސައްކަތްތައް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރަން މިސަރުކާރުން ކުރައްވާ- ހޯމް މިނިސްޓަރ

2 ސެޕްޓެމްބަރ 2021 - 7:00

ވޭތުވެދިޔަ 86 އަހަރުގެ ތެރޭގައި ނުކުރެވޭފަދަ ބޮޑަތި މަސައްކަތްތައް ފުލުހުންގެ ޚިދުމަތް ތަރައްޤީކުރަން މިސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ. އެމަނިކުފާން މިހެން ވިދާޅުވީ ނ.މަނަދޫ ޕޮލިސް ސްޓޭޝަންގެ ބިންގާ އެޅުމަށް މިއަދު މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ދަނީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑަތި މަސައްކަތްތަކެއް ކުރަމުންކަމަށެވެ. ޚާއްޞަކޮށް އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް ފުރިހަމަކޮށް ދެވޭ ޚިދުމަތް އިތުރުކުރުމަށްޓަކައި، ވަރަށްގިނަ ކަންކަން ރޭވި, ކުރަމުންގެންދަވާކަމަށް ވިދާޅުވިއެވެ. މިއަދު އަތޮޅުތެރޭގެ 52 ރަށަށްވުރެ ގިނަ ރަށުގައި ސްޓޭޝަންތައް އެޅުމަށް ތައްޔާރުވަމުންދާ ދިއުމަކީ އަތޮޅުތެރޭގައި ފުލުހުންގެ ޚިދުމަތް އިތުރަށް ވަރުދަކުރުމަށް މިސަރުކާރުން ކުރާ ވަރަށްބޮޑު މަސައްކަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިސްޓޭޝަންތަކާއެކު 5 ރީޖަންގައި ފުލުހުންގެ ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން, އަދި އިޤުތިސާދީ ދުވެލި ހަލުވިކުރުމަށް ކުރެވޭ މަސައްކަތްތައް ހިމާޔަތްކުރުމަށް ދެވޭ ވަރަށްބޮޑު ޚިދުމަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެންމެ ލޯބިވާ، އެންމެ އިތުބާރުކުރާ، އިހުތިރާމްކުރާ, އަދި އެ މުއައްސަސާގެ ފަރާތުން ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވެގެންދާ މުއައްސާކަމުގައި ވެގެންދާނެކަން މިނިސްޓަރ ޢިމްރާން ފާހަގަކުރެއްވިއެވެ.

ދިވެހިން ފުލުހުންގެ މުއައްސަސާ މަދަނީ ފުލުހުންގެ ޚިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރޭ މުނާސަބަތަށް އަލިއަޅުއްވާލައްވާ މިނިސްޓަރ ވިދާޅުވީ މިއަދަކީ ފުލުހުންގެ ޚިދުމަތުގައި ވަރަށް އުފާވެރި ދުވަހެއްކަމަށެވެ. ސިފައިންގެ ނުވަތަ އަސްކަރީ ފުލުހުންގެ ޚިދުމަތުން މަދަނީ ފުލުހުންގެ ޚިދުމަތަކަށް ބަދަލުވިތާ 17 އަހަރު ފުރޭ އިރު އަމާޒު ހިފަނީ 21 ވަނަ ޤަރުނުގައި ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފޯރުކޮށްދީ ރައްޔިތުންގެ އިތުބާރާއި, ޔަޤީންކަން ލިބި ރައްޔިތުންގެ ލޯބި ލިބިގެންވާ މުއައްސަސާއަކަށް ފުލުހުންގެ މުއައްސަސާ ހެއްދެވުމަށްކަމަށް ވިދާޅުވިއެވެ. މިމަގުން ސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ފުލުހުންގެ އާޤާނޫނެއް ވުޖޫދުކުރެވިއްޖެ. އޭގެދަށުން ޤާނޫނުތައް ހެދިއްޖެ. އަތޮޅުތެރޭގައި ފުލުހުން އިންތިޒާމްވާގޮތް އިތުރަށް ތަރުތީބުކުރެވިއްޖެ. ފުލުހުންނަށް ފުރިހަމަ ތައުލީމާއި ތަމްރީން ލިބިގެންދާނެ ގޮތުގެ މަސައްކަތްތައް އިތުރަށް އަމުނާ އެކުލެވި ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފައްތާ, ފުރިހަމަކުރުމުގެ މަސައްކަތް މިދަނީ ކުރަމުން" މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ ރޭންކްތަކަށް ކުރިއަށްވުރެ ބޮޑަށް ބަދަލުތައް ގެނެވި، މަސައްކަތްކުރުމުގައި ޗޭންއޮފް ކޮމާންޑަށް އިތުރަށް ހަރުދަނާކަން ލިބިގެންދާނެގޮތަށް ތަރުތީބު ކުރެވިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީވާނެ ނުވަތަ ދައުލަތަށް ޖަވާބުދާރީ ކުރެވޭނެ ރަނގަޅު ނިޒާމާއި އޮނިގަނޑުތައް އެކުލެވިގެން ހިނގައްޖެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީވެސް ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ރައްޔިތުންނާއެކުގައި މަސައްކަތްކުރަންޖެހޭ މުއައްސަސާއެއް ކަމަށް ސަރުކާރުން ޤަބޫލުކުރާތީ އެގޮތަށް މުއައްސަސާ ބައްޓަންކުރުމުގެ މުހިއްމު މަސައްކަތްތަކެއްވެސް ކުރެވިފައިވާކަމަށެވެ.

"އަޅުގަނޑު މިއަދު ހުރިހާ ލޮބުވެތި ފުލުހުންގެ ކިބައިން އެދެންބޭނުންވާ އެއްކަމަކީ ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިތުބާރާއި އިހުތިރާމް ހޯދުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި ގެންނަ ބަދަލުތައް ވަރަށް ލޯތްބާއި އިހުތިރާމާއެކު ބަލައިގަންނަ އޮފިސަރުންނަށް ތިޔަބޭފުޅުންވެވަޑައިގަތުން." ފުލުހުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުންގެ މުއައްސަސާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީ ލިބިގެންދާނެކަމަށާއި, ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން އެދޭފަދަ މުއައްސަސާއަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ވަރަށްބޮޑު، ވަރަށް ބުރަ މަސައްކަތެއްކަންވެސް މިނިސްޓަރ ޢިމްރާން ޢަބްދުالله ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މިއަދު ލޮބުވެތި ރައްޔިތުންގެ ކިބައިން އެދެން ބޭނުންވާ އެއްކަމަކީ، އެންމެ އޮފިސަރަކު ނުވަތަ ދެ އޮފިސަރަކު ކުރާކަމަކުން މުޅި މުއައްސަސާ ބަދުނާމްވެ, މުއައްސަސާގެ ރީތިނަން ގެއްލިގެންދާ އެއްވެސް ކަމެއް ނުކުރުމަށް. ދިވެހި ފުލުހުންނަކީވެސް ދިވެހިންގެ ތެރޭގައި، ދިވެހިންގެ ކިބައިން ދިވެހި އާއިލާތަކުން އުފެދިފައިވާ މުއައްސަސާއެއް. އެހެންކަމުން ދިވެހިންގެ ތެރޭގައި ހުރި ބައެއްކަހަކަ އާދަތަކާއި، ބައެއްކަހަލަ ސިފަތައް މުއައްސަސާގައި ދެވޭ ތަމްރީނުތަކާއި, ދެވޭ ހުނަރުތަކުންވެސް ކެނޑިގެން ނުދާ އޮފިސަރަކު ފަހަރުގައި ހުރެދާނެ." މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ ކުރިއަރައިގެން ދިއުމަކީ ހުރިހާ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުންގެ މުއައްސަސާއެއްކަމަށެވެ. އެކަން އެގޮތުގައި ދެނެތިބެގެން ޤަބޫލުކޮށްގެން ފުލުހުންގެ މުއައްސަސާ އަބަދުވެސް ފަޚުރުވެރިކަމާއެކު ދެމިއޮންނަ ގޮތަށް މުއައްސަސާއަށް ރީތިނަން ލިބޭގޮތަށް ރައްޔިތުން މަސައްކަތްކޮށްދިނުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.