ފޮރިން އިންވެސްޓްމަންޓް އުސޫލާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނަން: އިކޮނޮމިކް މިނިސްޓްރީ

11 ފެބުރުއަރީ 2021 - 6:19

ފޮރިން އިންވެސްޓްމަންޓް އުސޫލާއި ހިލާފަށް ބައެއް ފަރާތްތަކުން އަމަލުކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. އެހެންކަމުން ރާއްޖޭގައި ހިންގާ މަޝްރޫޢޫތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ބޭރުގެ ފަރާތްތަކުން ސަރުކާރުން ކަނޑައަޅާފައިވާ ގޮތަށް ޢަމަލުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އަންގާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ދިވެހިރާއްޖޭގައި ބިދޭސީ ފަރާތްތަކަށް އިންވެސްޓްކުރެވޭނީ، ޤާނޫނުތަކުގެ ދަށުން އެމިނިސްޓްރީން ހުއްދަ ނަގައިގެން ފޮރިން އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހުކަމަށެވެ. އަދި ދިވެހިރާއްޖޭގައި ކުރެވޭ ފޮރިން އިންވެސްޓްމަންޓާބެހޭ ޤާނޫނުގެ ދަށުން، ބިދޭސީ ފަރާތްތަކުން ދިވެހިރާއްޖޭގައި އިންވެސްޓުކުރުމުގެ ކުރިން، މި މިނިސްޓްރީގެ ހުއްދަ ހޯދުމަށް ލާޒިމުކޮށް، ހުއްދަ ދެވޭނެ ދާއިރާތައް ކަނޑައަޅައި، އެފްޑީއައި ޕޮލިސީ އެކުލަވާލައި، 11 ފެބްރުއަރީ 2020ގައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި ހިންގޭ އެކިއެކި މަޝްރޫއުތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކުން ކުރިމަތިލައި، ނުވަތަ އަމިއްލަ ފަރާތްތަކުގެ އެކިއެކި މަސައްކަތްތައް ހިންގުމަށް ފޮރިން އިންވެސްޓްމަންޓް ކުންފުނިތަކާ ހަވާލުކުރެވި، އެފަދަ ކުންފުނިތަކުން ފޮރިން އިންވެސްޓްމަންޓް ހުއްދައަކާ ނުލައި، ނުވަތަ ފޮރިން އިންވެސްޓްމަންޓް ހުއްދައިގެ ދާއިރާގެ ބޭރުން ބައެއް ވިޔަފާރި ހަރަކާތްތައް ހިންގާ ކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ.
ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓުގެ ދަށުން އިންވެސްޓުކުރުމުގެ ހުއްދަ އޮންނަ މުއްދަތުގައި، ރާއްޖޭގައި އިންވެސްޓުކުރުމަށް ނުވަތަ މަޝްރޫޢުއެއް ހިންގުމަށް ދީފައިވާ ހުއްދައިގައި ހިމެނޭ ވިޔަފާރި ޙަރަކާތް ފިޔަވައި، އެހެން އެއްވެސް ވިޔަފާރި ޙަރަކާތެއް ހިންގުމަކީ، މަނާކަމެއްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ފޮރިން އިންވެސްޓްމަންޓް އެގްރީމަންޓާއި ހިލާފުވާ ފަރާތްތަކާއިމެދު ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ ދަށުން ޖޫރިމަނާކޮށް، އެ ވިޔަފާރިއަކަށް މަސައްކަތް ޙަވާލުކުރި ފަރާތާއިމެދުވެސް ފިޔަވަޅު އަޅާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ. އަދި، ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓެއް ހިންގާ ފަރާތަކުން، ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ޢަމަލެއްކޮށްފިނަމަ، ޤާނޫނާއި އެއްގޮތަށް ޢަމަލުކުރުމަށް މުއްދަތެއް ދީ، އިޞްލާޙުނުވެއްޖެނަމަ، އެ ފަރާތަކުން ކުރަމުން އައި ހުރިހާ މަސައްކަތެއް ހުއްޓާލުމަށް އަންގައި، އެގްރީމެންޓް ބާތިލުކުރެވޭނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.