އަނގޮޅިތީމް ބަނދަރުގެ މަސައްކަތުގެ ދެބައިކުޅަ އެއްބައި ނިމިއްޖެ

2 ސެޕްޓެމްބަރ 2021 - 5:22

ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 53 ޕަސެންޓް ނިމިފައި ވާކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަސައްކަތް އެކަށީގެންވާ ހަލުވި މިނެއްގައި ކުރެވެމުން އަންނަ ކަމަށާއި، މި މަޝްރޫއުގެ ދަށުން، ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތް މިހާރުވަނީ އެއްކޮށް ނިއްމާލެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހިމެނިފައި ވެއެވެ.

މީގެ އިތުރުން 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނެއެވެ.

އެމްޓީސީސީން ކުރިއަށް ގެންދާ މި މަޝްރޫއަކީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.