މުޅި ދިވެހި ގައުމު އޮތީ ޕެރަލިމްޕިކްސްގެ ދިވެހި އެތުލީޓުންނާއެކީ: ފޮރިންގ މިނިސްޓަރ ޝާހިދު

28 އޯގަސްޓް 2021 - 9:17

މިއަހަރު ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކްސްގައި ވާދަކުރުމަށްޓަކާ، ޖަޕާނުގައި މިވަގުތު ތިބި ދިވެހި އެތުލީޓުންނާއި، ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ބައްދަލު ކުރައްވައިފިއެވެ. ޔޫއެންގެ ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނު ސަރުކާރުގެ ދައުވަތަކަށް، މިނިސްޓަރ ޝާހިދު މިވަގުތު ހުންނެވީ ޖަޕާނުގައެވެ.

https://twitter.com/abdulla_shahid/status/1430867677581561859

މި ބައްދަލު ކުރެއްވުމުގައި، ޕެރަލިމްޕިކްސްގައި ބައިވެރި ވުމަށް މިހާރު ޖަޕާނުގައި ތިބި ދިވެހި ޓީމުގެ ހުރިހާ ޑެލިގޭޓުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ފޮރިން މިނިސްޓަރ ވިދާޅުވީ، މިއީ މި މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވާ ފުރަތަމަ ފަހަރު ކަމަށްވުމާއެކު، މި މުބާރާތުގައި ދިވެހިރާއްޖެ ތަމްސީލުކުރާ ހުރިހާ އެތުލީޓުންގެ ނަންވެސް ދިވެހި ތާރީޚުގައި ލިޔެވިގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމުގައެވެ. އަދި މި މުބާރާތުގައި ތަމްސީލުކުރާ ދިވެހި އެތުލީޓުން މުބާރާތުގައި ވާދަކުރުމަކީވެސް އޭގެ ޒާތުގައި ގައުމަށް ހޯއްދަވާ ދެއްވާ ރަން މެޑަލެއްކަމުގައި ވިދާޅުވެ މިނިސްޓަރ ވަނީ މި ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ ޝުކުރު އަދާކުރައްވާފައެވެ. އަދި ޚާއްޞަގޮތެއްގައި މާޒިންއާ ފާޠިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިޔަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި ދެ ބޭފުޅުންނަށް ވެސް ކާމިޔާބީއަށް އެދިވަޑައިގަން ނަވާފައިވެއެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ، ޕެރަލިމްޕިކްސް ދުވުމުގެ އިވެންޓުގައި ވާދަކުރާ ދިވެހި ދެ އެތުލީޓުން ކަމުގައިވާ މުޙައްމަދު މާޒިންއާ ފާޠިމަތު އިބްރާހީމު، ދުވުމުގެ ރޭހުގައި ވާދަކުރާ ދުވަހު، ދެ އެތުލީޓުންނަށް ހިއްވަރުދީ، އަދި ކާމިޔާބީއަށް އެދި ހެޔޮ ދުޢާކުރުމުގައި މުޅި ދިވެހި ގައުމުގެ ކުދިބޮޑު އެންމެހާ ރައްޔިތުންވެސް އެވަގުތު ދަނޑުގައި ލިބިކަމަށް ދެކެވަޑައިގެން، ހިތްވަރާއެކު، އިވެންޓުގައި ގައުމު ތަމްސީލުކޮށް ދިނުމަށް އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި، އެތުލީޓުންނާއި އަދި ޓީމުގައި ހިމެނޭ އޮފިޝަލުން ދެއްކެވި ވާހަކާގައި، މި މުބާރަތަށް މަގުފަހި ކޮށްދިނުމަށް ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަމަށްޓަކާ ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހަށާއި އަދި ސަރުކާރަށް ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ޝުކުރު އަދާކޮށްފައެވެ. އަދި ޔޫއެން ޖެނެރަލް އެސެމްބްލީގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނުހަނު ބުރަކޮށް އުޅުއްވަމުންވެސް، ވަގުތު ހޯއްދަވައިގެން ކުޅުންތެރިންނާ އަދި އޮފިޝަލުންނާ ބައްދަލު ކުރެއްވި ކަމަށްޓަކާ ފޮރިން މިނިސްޓަރަށްވެސް އެބޭފުޅުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އަދި ޕެރަލިމްޕިކްސްގައި ވާދަކުރާ ކުޅުންތެރިންނާ އޮފިޝަލުންވަނީ، ޖަޕާނުގައި މި އިވެންޓުތައް ކުރިޔަށް ދާއިރު، އިންވެޓުތަކާގުޅޭ ޚަބަރުތައް، ވިހާވެސް ފުޅާ ދާއިރާއެއްގައި، ރާއްޖޭގެ ރައްޔިތުންނަށާއި އަދި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ އާއިލާތަކާ ހަމައަށް ފޯރުކޮށް ދިނުމުގައި އެހީތެރިވެދިނުމަށް މިނިސްޓަރ ޝާހިދުގެ ކިބައިން އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުވަނީ، މިމުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ދެކުޅުންތެރިންނަށް، ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ފަރާތުން ތަހުނިޔާ އަރިސް ކޮށްފައެވެ. މިބައްދަކު ކުރެއްވުމުގައި، ޖާޕާނުގައި ހުންނަ ދިވެހި އެމްބެސެޑަރ އިބްރާހިމް އުވައިސްއާއި، ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު އަމީތުވެސް ބައިވެރިވެ ވަޑައިގަތެވެ.

ޖަޕާނުގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި މުޙައްމަދު މާޒިންއާއި ފާޠިމަތު އިބްރާހީމް ވާދަކުރުމަށް ހަމަޖެހިފައި ވަނީ 100 މީޓަރ ސްޕްރިންޓުގައެވެ.